މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އޭޝިއާގައި ހުރި އެމެރިކާގެ އަސްކަރީ އެސެޓުތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރަމުންދާރީ އޭޝިއާގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނެފިއެވެ.
މެދުއިރުމަތީގެ ހަނގުރާމަ ހިނގަމުންދާ މި ދަނޑިވަޅުގައި އޭޝިއާ ސަރަޙައްދުގައި ހުރި އެމެރިކާގެ ބައެއް އަސްކަރީ ހަރުމުދާ މެދުއިރުމައްޗަށް ގެންދަމުންދާތީ އޭޝިޔއާގައި ހިމެނޭ އެމެރިކާއަށް ވާގިވެރިވާ ޤައުމުތަކުގެ ކަންބޮޑުވުން ދަނީ އެއް ދުވަހަށް ވުރެ އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން އިސްވެ ފެށި މި ހަނގުރާމަ މިހާރު ވަނީ ހަ މަސް ދުވަހަށް ދެމިގެން ގޮސްފައެވެ.
ފާއިތުވި ނުވަ މަސް ދުވަހު މެދުއިތުމަތީގައި ޙަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ބަދަލުގައި އެ ސަރަޙައްދުގައި ޙަރަކާތްތެރިވުމަށް ޖަޕާނުގައި އޮތް ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން މި ހަފްތާގެ ތެރޭގައި ވަނީ އެ ޤައުމުން ފުރާފައެވެ. އެނގިފައިވާ ގޮތުގައި ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ކާބޯތަކެތި މަދުވެ، ފާހަނާއާއި ޝަވަރުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އޭގެ ސަބަބުން އެ އުޅަނދުގައި ސާފުތާހިރުކަން ކުޑަވެ، ޞިއްޙީ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.
ބައެއް ރިޕޯޓުތަކުގައި ބުނާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުން ކުރުމަށް އެ ޤައުމުގެ ތާޑު މިސައިލް ދިފާޢީ ނިޒާމުގެ ބައިބައި ވެސް ވަނީ ދެކުނު ކޮރެއާއިން މެދުއިރުމައްޗަށް ފޮނުވައިފައެވެ. އަދި އެ ޤައުމުގައި ހުރި އެމެރިކާގެ މިސައިލްއާއި ހަތިޔާރު ވެސް މެދުއިރުމަތީގެ ހަނގުރާމައިގައި ބޭނުން ކުރުމަށްޓަކައި ވަނީ މަދުކޮށްފައެވެ. މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން އޭޝިއާގައި އެމެރިކާގެ ބާރު ކުޑަވެގެންދާނެއެވެ. އަދި ސަރަޙައްދީ ޤައުމުތަކާ ކުރިމަތިލާން ޖެހިއްެޖެ ހިނދެެެއްގައި އެމެރިކާ ބަލިކަށިވުން ގާތެވެ.
ނަމަވެސް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އެމެރިކާގެ ބައެއް ހަތިޔާރާއި ސިފައިން އެހެން ދިމަދިމާލަށް މި ވަގުތު ބަދަލުކުރި ނަމަވެސް އެ ކަމުން ދާއިމީ ގޮތަކަށް އޭޝިއާއިން އެމެރިކާގެ އަސްކަރީ އެސެޓުތައް ބަދަލުކުރާނެ ކަން ދޭހައެއް ނުކޮށްދެއެވެ. އެެމެރިކާގެ 375،000އަށްވުރެ ގިނަ އަސްކަރީ އަދި މަދަނީ ސިފައިން އެމެރިކާގެ ޕެސިފިކް ކޮމާންޑަށް ކަނޑައަޅާފައި ތިބެއެވެ. އޭގެ ތެރެއިން އެތައް ހާސް ސިފައިންނެއް ދެކުނު ކޮރެއާއި ޖަޕާނުގައި ޙަރަކާތްތެރިވެއެވެ.
ކަން އެހެން އޮތް ނަމަވެސް، އެމެރިކާގެ އަސްކަރީ އެސެޓުތައް އެހެން ދިމަދިމާލަށް ބަދަލުކުރުމަކީ އޭޝިޔާގެ އެމެރިކާގެ ބައިވެރިން އަމިއްލަ ދިފާޢީ ދާއިރާ ވަރުގަދަކޮށް އެ ކަމަށް ޚަރަދުކުރުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ. ޖަޕާންއާއި ދެކުނު ކޮރެއާއި ދަނީ ދިފާޢީ ދާއިރާއަށް ޚަރަދުކުރާ މިންވަރު އިތުރުކުރަމުންނެވެ. އަދި ފިލިޕީންސްއިން ވެސް ވަނީ ދިފާޢީ ދާއިރާއަށް ޚާރަދުކުރާ މިންވަރު އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 4 އިންސައްތައަށް އިތުރުކުރުމަށް ގޮވާލައިފައެވެ.