މެރިކަލްޗަރ ސިނާޢަތަށް މީހުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ. މިއީ މިއަހަރުގެ 2ވަނަ ޕްރޮގްރާމެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމެވެ. މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާޢަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން މި ދާއިރާއިން މީހުން ބިނާކުރުމަށް މީގެކުރިން ކޮންމެ އަހަރަކު 2 ޕްރޮގްރާމް ހިންގިނަމަވެސް މި އަހަރުން ފެށިގެން 4 ޕްރޮގްރާމް ހިންގާނެކަމަށެވެ. މިއީ މީގެ 6 ވަނަ ޕްރޮގްރާމްކަމަށާއި މިހާތަނަށް މީގެ ދަށުން 76 މީހުން ތަމްރީން ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މި ކޯސް ކުރިއަށްގެންދަން ނިންމީ އަހަރަކު 2 ޕްރޮގްރާމްގެ ގޮތުގައި. މަނިޔަފުށީގައި ކޮންމެ އަހަރަކުވެސް މި ގެންދެވެނީ. މިއީ މިގޮތުން ކުރިއަށްގެންދެވޭ 6ވަނަ ޕްރޮގްރާމް. މިއަހަރުން ފެށިގެން އަޅުގަނޑުމެންނަށް ޚާއްސަ އިރުޝާދުފުޅެއް ރައީސުލްޖުމްހޫރިއްޔާގެ އެބައޮތް ލިބިފައި. އެއީ މެރިކަލްޗަރއަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށް މެރިކަލްޗަރ ސިނާޢަތަށް މީހުން ބިނާކުރުމަށް ކޮންމެ އަހަރަކު މި ގެންދެވޭ 2 ޕްރޮގްރާމް އަޅުގަނޑުމެން 4 ޕްރޮގްރާމަށް ބަދަލުކުރަން އަޅުގަނޑުމެންނަށް ލިބިފައިވާ އިރުޝާދުފުޅާއި އެކީގައި އަޅުގަނޑުމެން މިހާރު މިވަނީ މިއަހަރުން ފެށިގެން 4 ޕްރޮގްރާމަށް ކުރިއަށްގެންދަން ނިންމާފައި". ވަޒީރު ވިދާޅުވިއެވެ.
ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގެދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ފާހަގަކޮށްފައިވާގޮތުގައި މިއީ ވަރަށް މުހިންމު އަދި ބޭނުންތެރި ތަމްރީން ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުން މެރިކަލްޗަރ ސިނާޢަތުގެ މުހިންމު ގިނަ މައުލޫމާތުތަކަކާއި އަމަލީ ތަޖުރިބާ ލިބިފައިވާކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އޮގަސްޓް 08 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 8 މީހުން ބައިވެރިވިއެވެ. މި ތަމްރީން ޕްރޮގްރާމްގެ ތިންވަނަ ކޯސް އާންމުންނަށް ހުޅުވައިލައިގެން މި އަހަރުގެ އޮކްޓޯބަރ ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.