ޚަބަރު

ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކުރަނީ


  • ތަމްރީނުގައި 30އަށްވުރެ ގިނަ މީހުން ބައިވެރިވޭ

  • މިތަމްރީން އިތުރު ރަށްރަށުގައި ކުރިއަށް ގެންދާނެ

ކުއްލި ހާލަތެއްގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީން ކުރުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް، ސާޓް ތަމްރީން ހއ. ކެލާގައި މިއަދު ފަށައިފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ޔުނިސެފްގެ އެހީއާއެކު ކެލާ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް މިއަދާއި މާދަމާ ކުރިއަށްދާނެ ކަމަށެވެ. ތަމްރީންގައި ކައުންސިލުގެ ބޭފުޅުންނާއި ރަށުގައި ހިމެނޭ މުއައްސަސާތަކާއި އެކި ދާއިރާތަކުން 30 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ނުވަތަ ސާޓަކީ، ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދިނުމަށް ރަށު ފެންވަރުގައި ތަމްރީން ކުރާ ބައެއް ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ސާޓް ތަމްރީން ފުރިހަމަ ކުރާ ބޭފުޅުން ކުއްލި ހާލަތުގައި ހަރަކާތްތެރި ވާނީ، ރަށުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ އިރުޝާދުގެ ދަށުންނެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، މި ތަމްރީނުތަކުގެ ސަބަބުން ކާރިސާތަކުން ރައްކާތެރިވުމަށާއި، ނުރައްކާތެރި ހާދިސާއެއް ދިމާވާ ހާލަތްތަކުގައި ވަގުތުން ހަރަކާތްތެރިވާނެ ޤާބިލު ޓީމެއް ތައްޔާރުވެގެންދާނެ ކަމަށެވެ.

"ސާޓް ތަމްރީނަކީ ކުއްލި ހާލަތުގައި ރަށު ފެންވަރުގެ އެންމެ ފުރަތަމަ އިޖާބަދޭ ފާރަތްތައް ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. މީގެ ސަބަބުން މި ރަށުގެ ވިލުންތެރިކަން އިތުރުކޮށް ކާރިސާއެއް ނުވަތަ ހާދިސާއެއް ދިމާވާ ހާލަތުގައި ހަރަކާތްތެރިވާނެ ބަޔަކު ތަމްރީންވެފައި ތިބޭނެ. އެއީ މިރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް". އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވިއެވެ.

ކެލާގައި ކުރިއަށްދާ މި ތަމްރީނަށްފަހު އިތުރު ރަށްރަށުގައިވެސް މި ތަމްރީން ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ސާޓް ތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ އަދި ހޭލުންތެރި މަޖުތަމައެއް ބިނާކުރުމަށް އެންޑީއެމްއޭއިން ރަށު ފެންވަރުގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ، ސީބީއާރުބީ ޕްރޮގްރާމުގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.