ދަތުރުފަތުރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ރަޝިޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް އިތުރުކުރަން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، ވެރިރަށް މޮސްކޯގައި، ރަޝިޔާގެ ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމާއި، ރަޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ކުރާ ވައިގެ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެތެރެއިން، ފްލައިޓްތަކުގެ އަދަދު އިތުރުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް މުހިންމު ފިޔަވަޅަކަށްވާނެކަމަށް ވިދާޅުވިއެވެ.
Good discussions in Moscow with Dmitry Zverev, State Secretary of Transport of the Russian Federation; we agreed to increase air connectivity &
— Mohamed Ameen (@ameen3d) August 18, 2026
additional Russian carriers are expected to commence operations to the Maldives,further supporting tourism and connectivity. pic.twitter.com/mLAnLxXEyD
މިއަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އައި ފަތުރުވެރިންގެ %13 އަކީ ރަޝިޔާގެ ފަތުވެރިންނެވެ. އެއީ މިދިޔަ އަހަރަށްވުރެ %21 އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް 130،000 އަށްވުރެ ގިނަ ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.
ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ފަތުވެރިކަމެވެ. ދުނިޔޭގެ ޤައުމުތަކުގައި ރާއްޖެ މާކެޓްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަމާ ގުޅޭ ވުޒާރާތަކާއި ކުންފުނިތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.