ޚަބަރު

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށައިފި


  • ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ އުތީމުގައި

  • ރަސްމީ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ

  • ޤައުމީ ދުވަހުގެ ހަރަކާތްތަކަށް މުޅި ރަށްވަނީ ތައްޔާރުވެފައި

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަށައިފިއެވެ. ޤައުމީ ދުވަހުގެ ހަރަކާތްތައް ފެށުނީ ރަށުގެ ބަނދަރު ސަރަޙައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.

އުތީމަކީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާ ރަށެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

އުތީމުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު ނިންމަވާފައެވެ. އެހެންކަމުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ޤައުމީ ދުވަހަށްވެސް އުތީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ދުވަހަށް ބަހާލައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން މިއަދު ހަވީރު ކުޑަކުދިންނާއި އިސްރަށްވެހިންގެ ޚާއްސަ ހަވީރެއް މިރަށުގައި އޮންނާނެއެވެ. އަދި މިރޭ ސަޤާފީ އެކި ކުޅިވަރުތަކާއެކު ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް އޮންނާނެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ. ޣާޒީ ރަދުންގެ ހަނދާންތައް ދިރުވާއާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ތެރެއިން އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ދޮރޯށި ރަސްމީކޮށް ހުޅުވުމާއި، ވާހަކަ ވައު ހުޅުވުން އޮންނާނީ މާދަމާއެވެ. އަދި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް އޮންނާނީ މާދަމާ ހެނދުނެވެ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހުވެސް ސަޤާފީ ޚާއްސަ ހަރަކާތްތަކެއް އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ޤައުމީ ދުވަހުގެ ހަރަކާތްތަކަށް ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ އިއްޒަތްތެރިނަށާއި މެހެމާނުންނަށް މަރުޙަބާ ދެންނެވުމަށްޓަކާ އުތީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.

ރަށުގެ ބަނދަރުމައްޗާއި ރަށު ތެރޭގެ އެކި ސަރަޙައްދުތަކުގައި ޤައުމީ ދިދަ ދަމާ، ޤައުމީ ރޫޙު އާލާވާނެފަދަ މެސެޖުތަކާއި ބޮޑުތަކުރުފާނުގެ ޖިހާދު ރަމްޒުކޮށްދޭ އެކި ޝިއާރުތައް ލިޔެފައިވާ ބެނާތަކާއި ގިޑިގެތައް ތައްޔާރުކޮށްފައިވެއެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފަހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

ޤައުމީ ބަޠަލުން އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖިހާދުކުރެއްވި މުޖާހިދުންގެ ހަނދާން އައުކޮށް، އެފަދަ މުޖާހިދުން ހުރިހާ ޖީލެއްގައިވެސް ތިބުމަށް ހިތްވަރުދިނުމާއި ހިތްވަރު ލިބިގަތުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު މަޤުޞަދެކެވެ.