ޚަބަރު

ބޮޑުތަކުރުފާނުގެ ޖިހާދުން އަދުގެ ޖީލަށް މުހިއްމު ފިލާވަޅުތަކެއް


  • ޤައުމީ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ އުތީމު ބޮޑުތަކުރުފާނަށް

  • މިއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި ދުވަސް

  • ޕޯޗުގީޒުންގެ އަތްދަށުގައި ރާއްޖެ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް އޮތް

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ދިވެހި އުއްމަތުގެ މިނިވަންކަމާއި، އިސްތިޤުލާލާއި، ޤައުމީ އަމިއްލަވަންތަކަމުގެ އެންމެ މުހިންމު އެއް ރަމްޒެކެވެ.

ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި ތާރީޚީ މަތިވެރި ޖިހާދުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

ޤައުމީ ބަޠަލުން އިސްލާމް ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖިހާދު ކުރެއްވި މުޖާހިދުންގެ ހަނދާން އައުކޮށް، އެފަދަ މުޖާހިދުން ހުރިހާ ޖީލެއްގައިވެސް ތިބުމަށް ހިތްވަރުދިނުމާއި ހިތްވަރު ލިބިގަތުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު މަޤުޞަދެކެވެ.

ތާރީޚީ ފަސްފަހަތާއި ބޮޑުތަކުރުފާނުގެ ޖިހާދު

16 ވަނަ ޤަރުނުގައި "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށްޓަކައި އޭރު ވެރިކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން އަވަހާރަކޮށްލުމަށްފަހު ޕޯޗުގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ގެންދިޔަ މައިގަނޑު ސަބަބަކީ ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު، ރަސްކަމުގެ ކޮއިލުތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ރާއްޖެ ދޫކޮށް އިންޑިޔާގެ ގޯވާއަށް ގޮސް, ނަޞާރާދީނަށް ވަދެ، ދިވެހިރާއްޖޭގެ ވެރިކަން އަލުން ހޯދުމަށްޓަކައި ޕޯޗުގީޒުންގެ އެހީއަށް އެދުމެވެ.

ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ، "ދިވެހި ކަނޑުތައް ދިވެހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ" ދުވަސްވަރެއްގެ ގޮތުގައެވެ.

ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރެވެ. މުޙައްމަދު ތަކުރުފާނާއި, ހަސަން ތަކުރުފާނާއި, ޢަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮށްފުންމި" ކިޔާ އަނގަމަތީ މަސްއޮޑިއެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދެވެ.

މިޖިހާދުގައި މުޙައްމަދު ތަކުރުފާނަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވެ ވަޑައިގެންނެވިއެވެ. ހިތްވަރުގަދަ ޖިހާދަކަށްފަހު ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދިޔަ މަންދޫބު، އަނދިރި އަނދިރީންގެ ގަޔަށް މުޙައްމަދު ތަކުރުފާނު ބަޑިޖައްސަވައި، 1 ރަބީޢުލްޢައްވަލު 981 ވަނަ އަހަރު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިއެވެ. މިއީވެސް ދިވެހިން ޢިބުރަތުގެ ނަޒަރަކުން ބަލައި ވިސްނަންޖެހޭ ފަދަ ޙާދިސާއެކެވެ.

މިއީ، ދިވެހި ތާރީޚުގައި ރަންއަކުރުން ފަވައިލެވިފައިވާ އެންމެ ފާހަގަކޮށްލެވޭ އިސްލާމީ އަދި ޤައުމީ ނަޞްރެވެ.

ޤައުމީ ދުވަސް މުހިންމުވާ މުހިންމު ސަބަބުތައް:

ޤައުމީ ދުވަހަކީ، ހަމައެކަނި ތާރީޚީ ޙާދިސާއެއް ހަނދާންކޮށް އުފާފާޅުކުރުމުގެ މުނާސަބަތެއް ނޫނެވެ.

މިފަދަ ދުވަހެއްގެ ސަބަބުން ދީނާއި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވި އަބްޠާލުންގެ ހަނދާން އައުކޮށް އެވާހަކަތަކާއި ތާރީޚު ދަސްކުރުމަށް އަދުގެ ޖީލަށް ހިތްވަރު ލިބެއެވެ. ދިވެހިންގެ މާދަރީ ބަހާއި، އިސްލާމީ ޢަޤީދާއާއި، ސަގާފީ އާދަކާދަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ބާރަކަށްވެދެއެވެ.

އެކި ފިކުރުތަކާއި ސިޔާސީ ބައިބައިވުންތަކުގެ މައްޗަށް ޤައުމީ މަޞްލަޙަތު އިސްކޮށް، އެކުވެރި ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް މިފަދަ ދުވަސްތައް ހިތްވަރަކަށް ވެއެވެ. މިއީ ވޭތުވެދިޔަ ތާރީޚުން ލިބުނު ފިލާވަޅުތަކުގެ އަލީގައި، މުސްތަޤުބަލުގައި ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ތައްޔާރުވާންވެސް ލިބޭ ފުރުޞަތެކެވެ.

ޒުވާން ޖީލު އިބުރަތް ޙާޞިލުކުރަންޖެހޭ

ޤައުމެއްގެ މުސްތަޤުބަލާއި، އާރޯކަމާއި، ރައްކާތެރިކަމުގެ އެންމެ ބޮޑު އައްޑަނައަކީ އެ ޤައުމެއްގެ ޒުވާނުންނެވެ. ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކާއެކު، މިއަދުގެ ދިވެހި ޒުވާނުން ޤައުމީ ދުވަހު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.

މިއަދުގެ ދުނިޔޭގައި އަޅުވެތިކަން އަންނަނީ ހަމައެކަނި ހަތިޔާރާއެކު ސީދާ ލަޝްކަރުތަކުންނެއް ނޫނެވެ. މިއަދުގެ އެންމެ ބޮޑު ނުރައްކަލަކީ ނިއު މީޑިއާއާއި ސޯޝަލް މީޑިއާގެ ތެރެއިން އަންނަ ފިކުރީ އަދި ސަގާފީ އަޅުވެތިކަމެވެ. ޒުވާނުންގެ ވިސްނުން ބަހައްޓަންވީ، އަމިއްލަ ދީނީ އަޤީދާއާއި ޤައުމީ ސިފަތައް ގެއްލިގެންނުދާނެހެން ފިކުރީ ގޮތުން ހޭލުންތެރިވެ ތިބުމަށެވެ.

ޤައުމީ ޚިދުމަތަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ވަޒީފާއެއް ނޫނެވެ. އިޤްތިޞާދީ، ސައިންސް، އަދި ނިއު ޓެކްނޮލޮޖީގެ ދާއިރާތަކުން މަތީ ތަޢުލީމާއި ހުނަރުވެރިކަން ހޯދައި، އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ޤައުމީ ތަރައްޤީއަށް ޒުވާނުން ޙިއްޞާވުމަކީ މިފަދަ ދުވަހެއްގައި ޒުވާނުންގެ ޢަޒުމަކަށް ކަނޑައަޅަންޖެހޭ ކަމެކެވެ.

މުޖުތަމަޢުގައި ފެތުރޭ މަސްތުވާތަކެތީގެ ވަބާއާއި، ކުށްކުރުމުގެ މާޙައުލުން ދުރުހެލިވެ، އިސްލާމީ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތިބެ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަދަހި ޖީލެއްގެ ގޮތުގައި ސާބިތުވުމަކީ ޤައުމުގެ އިޖުތިމާޢީ ސަލާމަތަށް ކުރެވޭނެ އެންމެ ބޮޑު ޚިދުމަތެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ އުފަލާއެކު ފާހަގަކުރާ ދުވަހެއްގެ އިތުރުން، ޤައުމީ މަސްއޫލިއްޔަތުތަކާ މެދު ފުންކޮށް ވިސްނައި ޢަޒުމު އައު ކުރަންވީ ދުވަހެކެވެ.

ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އިޚްލާޞްތެރިކަމާއި، އެއްބައިވަންތަކަމާއި، އަދި އަޒުމުވަރުގަދަ ނަމަ ކޮންމެފަދަ ބޮޑު ނުރައްކަލަކުންވެސް ޤައުމު ސަލާމަތް ކުރެވިދާނެ ކަމެވެ. މިއަދުގެ ޒުވާނުންގެ ޢަޒުމަކަށް ވާންވީ، އުތީމު އަބްޠާލުންގެ ޤުރުބާނީން ހޯއްދަވައިދެއްވި މިނިވަންކަމާއި އިސްތިޤްލާލު، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމެވެ.