މާދަމާ ހަވީރު ފަހެއް ޖެހުމުގެ ކުރިން މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ގަތުމަށް ޝައުގުވެރިވާ ކުލަބުތަކަށް ޗެލްސީން ފުރުސަތު ދީފި އެވެ.
މިދިޔަ މަހު ނިމުނު ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކި އެންޒޯ ގަތުމަށް ފައި ވިއްދާފައި ތިބީ މެންޗެސްޓާ ސިޓީ އިންނެވެ. އެ ކުލަބުގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާ އަކީ އެންޒޯ އަށް ޗެލްސީގައި ކޯޗުކޮށްދިން ކޯޗެވެ. ޗެލްސީން ޔޫއޭފާ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕް މަރެސްކާގެ ކޯޗުކަމުގައި ކާމިޔާބު ކުރިއިރު އެންޒޯ އަކީ މުހިންމު ކުޅުންތެރިއެކެވެ.
ކުރިއަށް އޮތް ސީޒަނަށް މަގާމާ ހަވާލުވީއްސުރެ އޭނާ ގަތުމަށް މަރެސްކާ މަސައްކަތް ކުރަމުންދަނީ ތަފާތު ސަބަބުތަކާހެދި އެވެ. މީގެ ތެރެއިން އެއް ކަމަކީ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު މިޑްފީލްޑަރު ސްޕޭނުގެ ރޮޑްރީގޯ ކުލަބުން ދާން ބޭނުންވެ އެކަން ހުށަހަޅާފައިވާތީ އެވެ.
ޗެލްސީން އެންޒޯ ވިއްކާނަމަ އަގަކަށް ނިންމާފައިވަނީ 120 މިލިއަން ޕައުންޑެވެ. މިއަގު ދޭން ވެސް މުއްސަނދި ސިޓީ އޮތީ ތައްޔާރަށެވެ.
ޗެލްސީން ބުނީ މާދަމާ ފަހެއް ޖެހުމާއެކު އެންޒޯ ވިއްކާލުމުގެ މުއާމަލާތް ނިމުމަކަށް އަންނާނެ ކަމަށާއި އެހާތަނަށް އެ ކުލަބުގެ ޑިމާންޑާ އެއްވަރުގެ އަގެއް ނުލިބިއްޖެނަމަ ކުޅުންތެރިޔާ ވިއްކާލުމަށް ހުޅުވި ދޮރު މުޅިން ބަންދުވާނެ ކަމަށެވެ.
ޗެލްސީން އެންޒޯ ވިއްކާލަން ވިސްނަން ފެށީ ކުޅުންތެރިޔާ ވެސް ސިޓީ އަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅު ކުރުމުންނެވެ. ހުސްވި ސީޒަނުގެ މެދުތެރެއިން ސްޕޭނުގެ ރެއާލް މެޑްރިޑުން ވެސް އޭނާ އަށް ގަތުމަށް ޝައުގުވެރިވި އެވެ.