ޚަބަރު

ފުނައްޑޫ އާއި މާނާގަލާ ޑިސެންބަރުގައި އޮޕަރޭޝަނަށް ގެންނަނީ


  • ފުނައްޑޫ ތަރައްގީ ކުރަނީ މަސް ގަތުމުގެ ކަންކަމަށް

  • މާނަގަލައިގައި ކުރިއަށްދަނީ އެން އާލާ ކުރުމުގެ މަސައްކަތް

މަސްވެރިކަމުގެ ދެ މަޝްރޫއެއް ހިންގަމުން އަންނަ ތ. ފުނައްޑޫ އާއި ގއ. މާނާގަލާ މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެތަން ވީރާނާވެފައި ވަނިކޮށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެތަނުގެ މަސައްކަތް ނިންމައި މިއަހަރުގެ ޑިސެމްބަރު މަހު މަސްވެރިންގެ އަތުން މަސް ގަތުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތ.އަތޮޅު ފުނައްޑުއަކީ އިރެއްގައި މަސްވެރިކަމުގެ ހަރަކާތްތަކެއް ހިނގާފައި އޮތް ތަނެއް. އެހެންނަމަވެސް އެތަން ހަމަ ވީރާނާވެފައި ހުރި ކަހަލަ ގޮތަކަށް މި ހުރީ. ހުއްޓާ އަޅުގަނޑުމެން މިވަނީ ޕްރައިވެޓް ކުންފުންޏަަކަށް، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ދީފައި. އެ ކުންފުނިން އަޅުގަނޑުމެންނަށް އެބަ ޔަގީންކަން އަރުވާ މި ޑިސެމްބަރުގައި ހަމަ އިނގޭތީޯ މަސްވެރިންގެ ދުވަހާ ދިމާކޮށް އެތަނަށް މަސް ގަތުމުގެ މަސައްކަތް ފައްޓަވައި، ފުނައްޑޫގައި އޮޕަރޭޝަން ފައްޓަވާނެ ކަމުގެ ޔަގީންކަން އެބަދެއްވާ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ފުނައްޑޫގެ އިތުރުން ގއ. މާނާގަލާވެސް އަންނަ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އެން ނުލިބިގެން މަސްވެރިންނަށް މަހަށް ނުނިކުމެވި ތިބޭ ތިބުން ނިމުކަކަށް ގެނެވިދާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން މަަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މާނަގަލައަކީ މިގޮތަށް އޮޕަރޭޝަނަށް ގެނެވޭނެ ފުރަތަމަ ސެންޓަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގއ. މާނަގަލާ އެއީ އަަޅުގަނޑުމެން އެންމެ ފުރަތަމަ އެގޮތަށް އޮޕަރޭޝަނަށް ގެންނާނެ އެއް ސެންޓަރު އިނގޭތޯ. އަމާޒު ހިފިން، ދެ ތާރީހެއްގައި އަޅުގަނޑުމެންނަށް އަމާޒު ހިފިއްޖެ، އެހެން ނަމަވެސް މި ދެންނެވި ދެ ތާރީހަށް ވެސް އަޅުގަނޑުމެންނަށް މިކަންތައްތައް ނުނިމި މިދަނީ. އަޅުގަނޑުމެން މިހާރު މި ބަލަނީ މި އަހަރުގެ ޑިސެމްބަރު މަހު، މާނަގަލާ އަޅުގަނޑުމެން މިދަންނަވާ ގޮތަށް އޮޕަރޭޝަނަށް ގެނެވޭތޯ މި ބަލަނީ،" ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވިގޮތުގައި މާނަގަލަ ބޭރުގައި އެން އާލާކުރުން ތަހުލީލުކުރަމުން އަންނަތާ އަށް މަސް ދުވަސް ވީއިރު އެ މަސައްކަތް ކާމިޔާބު ކަމަށެވެ.

މާނަގަލައިގެ އިތުރުން ކ. މަނިޔަފުށީގައިވެސް އެން އަލާކުރުމުގެ ތަހުލީލު ކުރަމުން އަންނަ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.