ޚަބަރު

އީރާނުން ބްރިކްސްގެ ބޭންކާ ގުޅުމަށް ތައްޔާރުވެއްޖެ


ބްރިކްސްގެ މެމްބަރު ޤައުމުތަކުން އުފައްދާފައިވާ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) ގެ މެމްބަރަކަށް އީރާން ވަރަށް އަވަހަށް ވެގެންދާނެ ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަބްދުލް ނާޞިރު ހިއްމަތީ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ މާލީ ބައްދަލުވުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި ހިއްމަތީ ވިދާޅުވީ، ބްރިކްސްގެ ޤައުމުތަކުގެ އެއްބާރުލުމާއެކު އުފެދުނު މި ބޭންކުގެ މެމްބަރަކަށް ވުމަށް އީރާނުން ބޭނުންވާ ކަމަށެވެ.

އީރާނުން ބްރިކްސް ޖަމާޢަތާ ގުޅުނީ 2024 ވަނަ އަހަރު އެ ޖަމާޢަތް ފުޅާކުރުމުގެ ތެރޭގައެވެ. މިއީ ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމެރިކާއާއި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޑޮލަރުގެ ނިޒާމުން ބޭރުން މާލީ މުޢާމަލާތްތައް ހިންގޭނެ އިތުރު މަގުތައް ހޯދުމަށް އީރާނުގެ ސަރުކާރުން ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ.

ނިއު ޑިވެލޮޕްމަންޓް ބޭންކަކީ އުމްރާނީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ފަންޑުކުރުމަށްޓަކައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ގުޅިގެން 2015 ވަނަ އަހަރު އުފެއްދި ބޭންކެކެވެ. މިހާރު މި ބޭންކުގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އާއި މިޞްރު ފަދަ ޤައުމުތައް ވެސް ހިމެނެއެވެ.

ގަވަރުނަރު ހިއްމަތީ އިތުރަށް ވިދާޅުވި ގޮތުގައި، ބްރިކްސްގެ މެމްބަރު ޤައުމުތަކުގެ މެދުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި، އަމިއްލަ ޤައުމީ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އީރާނުން ތާޢީދުކުރާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ރިޔާސަތު ބަލަހައްޓާ މި އަހަރުގެ ބްރިކްސްގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންގެ ފުރަތަމަ ބައްދަލުވުމުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ހިއްމަތީއެވެ.