ޚަބަރު

ކެންސަރަށް ފަރުވާދޭ "ފޭކު" އިންޖެކްޝަނެއް ގެންގުޅޭތީ ސަމާލުވާން އަންގައިފި!


  • އެސެންޝިއަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތަކާއި އެނޫން ބޭސް ބައެއް ފަރާތްތަކުން އެތެރެކުރޭ

  • މިއިންޖެކްޝަން ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖިކްޝަނެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ އިންޖެކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާތީ އެބެޗުގެ ބޭސް އެތެރެކޮށް ވިއްކާ ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އާންމުކޮށްފައިވާ އެލަރޓެއްގައި ވިދާޅުވީ ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ އޮޕްޑިވޯ ބްރޭންޑްގެ "ނައިވޮލިޔުމަބް" ނަމަކަށް ކިޔާ އިންޖިކްޝަނެއްގެ އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ހަދާފައިވާ އިންޖިކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ. އެހެންކަމުން މިބްރޭންޑުގެ އެބެޗުގެ އިންޖިކްޝަން ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އިތުރު މަޢުލޫމާތު އެއޮތޯރިޓީން ލިބޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ އިތުރަށް ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން އަންނައިރު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވާ ލިސްޓުގައި ނުހިމެނޭ ބޭސްތައް އަމިއްލަ ބޭނުންތަކަށް އެތެރެކުރާކަން ފާހަގަކުރެވެއެވެ. މިފަދައިން އެތެރެކުރާއިރު ބޭހުގެ ކޮލިޓީއާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން ތަކުރާރުކޮށް އިލްތިމާސްކުރައްވައެވެ.

މިދިޔަ މަހުވެސް ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމުން އެކަން ރާއްޖެއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ.