ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި، އަހްމަދު އީލާފް ނަދީމް ރަން މެޑަލް ހޯދައިފިއެވެ.
ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުން އީލާފް ރަން މެޑަލް ހޯދާފައިވަނީ މިޑްލްވެއިޓް 76 ކިލޯ ކެޓެގެރީގައި ވާދަކޮށް ސްރީލަންކާގެ ވަރުގަދަ ފައިޓަރެއްކަމަށްވާ އިސުރު ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. މިއީ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ވާދަކޮށް އީލާފް ރަން މެޑަލް ހޯދި ދެވަނަ އަހަރެވެ.
އީލާފްގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޑެނިއަލް އަހްމަދު ޒަކީ ވާދަކުރަން ޖެހުނީ ސްރީލަންކާގެ ވަރުގަދަ ފައިޓަރެއްކަމަށްވާ ފަހަދު އާއިއެވެ. މިމެޗު ޑެނިއަލްއަށް ގެއްލުނު ނަމަވެސް އޭނާވެސްވަނީ އެންމެ ފަހުވަގުތާ ޖެހެންދެން ހިތްވަރުކޮށްފައެވެ.
ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕަކީ ސްރީލަންކާގައި ބާއްވާ އެންމެ ބޮޑު އެއް މުއާއި ތައި މުބާރާތެވެ. މި މުބާރާތަށް ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށްފައިވަނީ މުއާއި ތައި ޓްރެއިނަރެއް ކަމަށްވާ މުހައްމަދު ޝަނާޒްއެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންގެ ރޭންކް މަތިކުރުމަށާއި ބައިނަލްއަގްވާމީ އިތުރު މެޗުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ކޯޗްވަނީ ބުނެފައެވެ.
އީލާފް އަދި ޑެނިއަލް މިމުބާރާތުގައި ވާދަކުރުމަށް ލަންކާއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މުބާރާތް ފެށުމުގެ ކުރިން ލަންކާގައިވަނީ ޓްރޭނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެ ކޭމްޕުގައި ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށްފައިވަނީ ސްރީލަންކާގެ ވެންކުއިޝް މުއާއި ތައި އެންޑް ފިޓްނެސްގެ އިންސްޓްރަކްޓަރެއްކަމަށްވާ ވިމުކިތި އަބެނަޔަކާއެވެ.
މުބާރާތުގައި ވާދަކުރުމަށްފަހު ރާއްޖޭގެ އެތުލީޓުން މިހާރު ރާއްޖެ އައިސްފައިވާއިރު، މި އަހަރުގެ ފެބްރުވަރީމަހު ލަންކާގައި ކުރިއަށްދިޔަ ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕުގައި އީލާފްވަނީ ލަންކާގެ އެއްވަނަ އެތުލީޓު ބަލިކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް މިކުޅިވަރުން ރަން މެޑައްޔެއް ކަށަވަރުކޮށްދީފައެވެ.