ޚަބަރު

ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް


  • މޫސުން އެންމެ ގޯސް ވާނީ އުތުރާއި މެދުރާއްޖެތެރެއަށް

  • ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ކުރިއަށްއޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިމަހުގެ 14ގެ ނިޔަލަށް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށެވެ. އަދި އުުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ ހެނދުނު 8:15އން މެންދުރު 2:00އާ ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.


ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ބވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ރާޅު އުސްމިނުގައި 3-5 ފޫޓު ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވައެވެ.