ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖުކުރި އެމެރިކާގެ އެކްޓިވިސްޓުންތަކެއްގެ އެންޓްރީ ޕާމިޓް ޔަހޫދީ ދައުލަތުން ބާތިލުކޮށްފިއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ދަ ފޯވާޑ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި ފަލަސްޠީނު މީހުންނަށާއި އެމީހުންގެ މިލްކިއްޔާތުތަކަށް ޔަހޫދީ ވަޒަންވެރިން ދޭ ހަމަލާތަކާ ދެކޮޅަށް، ބޭއްވި އިޙްތިޖާޖުތަކުގައި ބައިވެރިވި އެމެރިކާގެ އެކްޓިވިސްޓުންތަކެއްގެ ހުޅަނގު އައްސޭރިއަށް ވަނުމުގެ ހުއްދަތައް ޔަހޫދީން ވަނީ ބާޠިލުކޮށްފައެވެ.
އެކްޓިވިސްޓެއް ކަމަށްވާ ސޭމް ޝާރމަން އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މަސާފިރް ޔައްތާ ސަރަޙައްދުގައި ފަލަސްޠީނުގެ މީހުންނަށް އެހީތެރިވުމަށް ހިންގި ހަތް ހަފުތާގެ ޕްރޮގްރާމެއްގައި ބައިވެރިވަމުން ދަނިކޮށް، އޭނާގެ ވަނުމުގެ ހުއްދަ ބާޠިލުކުރިކަމުގެ އީމެއިލް ލިބިފައިވާ ކަމަށެވެ.
ޔަހޫދީން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ޔަހޫދީ ސިފައިންނާއި، ފުލުހުން އަދި ހަތިޔާރުއެޅި ޔަހޫދީ ވަޒަންވެރިން އޭނާގެ ޕާސްޕޯޓުގެ ފޮޓޯ ނެގިކަމަށްވެސް އޭނާ އިތުރަށް ބުނެފައިވެއެވެ.
ފަލަސްޠީނުގެ މަސްއޫލުވެރިން ހާމަކުރައްވާ ގޮތުގައި، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ޣައިރުޤާނޫނީ ވަޒަންވެރިން ދަނީ ފަލަސްޠީނު މީހުންނާ ދެކޮޅަށް އެތައް ހަމަލާތަކެއް ދެމުންނެވެ. ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހައްދުފަހަނައެޅި ވަޒަންވެރިން ވަނީ ފަލަސްޠީނު މީހުންނަށާއި އެމީހުންގެ މިލްކިއްޔާތުތަކަށް އަމާޒުކޮށް 3,488 ހަމަލާއެއް ދީފައެވެ.
މި ހަމަލާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި މުދަލަށް ދީފައިވާ ހަމަލާތަކާއި، ޣައިރުޤާނޫނީ އައު ވަޒަންވެރިންގެ ޖަގަހަތައް ޤާއިމުކުރުމާއި، ފަލަސްޠީނުގެ ދަނޑުވެރިން އެމީހުންގެ ބިންތަކަށް ވަނުން ހުއްޓުވުން ހިމެނެއެވެ.