ޒުވާން ސްކޮޑަކާއެކު މި ސީޒަނާ ކުރިމަތިލާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރަމުން އަންނަ މަސައްކަތަކީ، ރާއްޖޭގައި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއްކަމަށް އެ ކުލަބުގެ މެނޭޖަރު އިބްރާޙީމް ވަހީދު ބުނެފިއެވެ.
މި ސީޒަނަށް މާޒިޔާއިން ނުކުތްއިރު، ޗެރިޓީ ޝީލްޑު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން ނެރުނު ސްކޮޑުގެ އެވަރެޖް އުމުރަކީ ގާތްގަނޑަކަށް 21 އަހަރެވެ. އަދި އެފަހުން ކަޕް ވިނާސް ކަޕްގައި މާޒިޔާއިން ބޭނުންކުރާ ސްކޮޑުގެ، ރާއްޖެ ކުޅުންތެރިންގެ އެވަރެޖް އުމުރު 23 އަހަރާ ގާތްކުރާނެއެވެ.
މާޒިޔާއިން މި ސީޒަނާ ކުރިމަތިލިއިރު، ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެ ޓީމުގައި ހިމެނޭ "ބޮޑެތި ނަންތަކެއް" މި ސީޒަނުގައި ފެނިގެން ނުދާތީއާއިއެކު، މާޒިޔާއަށް ފާއިތުވީ އަހަރުތަކުގައި ނެރެވުނު ނަތީޖާ ދެން ނެރެވިދާނެތޯ ބައެއް ފަރާތްތަކުން އައީ ސުވާލު އުފައްދަމުންނެވެ.
އެހެންނަމަވެސް، ތަރިންގެ މައްޗަށް އެކުލެވޭ ސްކޮޑަކާއެކު މާޒިޔާއާ ދެކޮޅަށް ނުކުތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި ހޯދި މޮޅާއެކު އެ ސުވާލުތަކަށް ވަނީ ސާފު ޖަވާބެއް ލިބިފައެވެ. އެ މެޗުގައި މާޒިޔާގެ މުޅި ސްކޮޑުގައިވެސް ބިދޭސީ ކުޅުންތެރިއަކު ނުހިމެނޭއިރު، ނިއު އިން އެ މެޗަށް ނުކުތީ ބިދޭސީ ހަތަރު ކުޅުންތެރިންނާއެކުއެވެ. އޭގެ ތެރޭގައި، ބްރެޒިލްއަށް ނިސްބަތްވާ، ސަރަހައްދީ ޤައުމުތަކުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ ވެސް ހިމެނެއެވެ.
ޒުވާން ސްކޮޑަކާއެކު ވެސް މާޒިޔާއިން މެޗުތަކުގައި ހޯދަމުން އަންނަ ކާމިޔާބީތަކާ ގުޅޭގޮތުން އަދި ޓީމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މާޒިޔާގެ މެނޭޖަރު އިބްރާޙީމް ވަހީދު ބުނީ، މި ސީޒަނުގައި ފެނިގެން މިދަނީ 2013 ވަނަ އަހަރު ވެސް މާޒިޔާއިން ފެށި "ޕްރޮޖެކްޓާ" ދާދި އެއްކަހަލަ މަސައްކަތެއް ކަމަށެވެ.
އެގޮތުން އޭރުގެ ސްކޮޑުގެ އެވަރެޖް އުމުރަކީ 25 އަހަރުން ދަށް ކަމަށާއި އޭގެ 13 އަހަރު ފަހުން މިހާރު މާޒިޔާއިން މި ފެށި ޕްރޮޖެކްޓުގައި ޓީމުގެ އެވަރެޖް އުމުރަކީ 23 އަހަރުކަން އޭނާ ފާހަގަކުރިއެވެ. މިހާރު ވެސް މާޒިޔާއިން ގެންގުޅެނީ ފާއިތުވީ 12 އަހަރު ދުވަހުގެ ތެރޭގައި ހޯދި ކާމިޔާބީތަކުގެ ފަހަތުގައިވާ "ސްޓްރެޓަޖީ" ކަމަށް އޭނާ ބުންޏެވެ. މީގެ ބޭނުމަކީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، ޤައުމީ ޓީމުން އެ ކުޅުންތެރިންނަށް ޖާގަ ހޯދައިދިނުންކަމަށް އިބްރާޙީމް ވަހީދު ބުންޏެވެ.
"13 އަހަރު ފަހުން ހަމަ އެ ޕްރޮޖެކްޓް، ރިވައިޒްކޮށްފައި، އަންޑަރ 23ގެ ޓީމެއް މިފަހަރު މި ނުކުންނަނީ ސީނިއަރ ކުޅުންތެރިން ކޮޅަކާ އެކީގައި. އިރާދަކުރެއްވިއްޔާ މިދިޔަ 12 އަހަރުވެސް އެ ކާމިޔާބީ ދެމެހެއްޓީ ސްޓްރެޓަޖީ މި ބޭނުންކުރަނީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން، އެ ކުޅުންތެރިންނަށް ޤައުމީ ޓީމުތަކަށް އެރުމުގެ ޗާންސް ދެމުން އަދި ހަމަ އެއާއިއެކު ދިވެހި ފުޓުބޯޅައަށް އިތުރު ކުރިއެރުންތަކެއް ގެނެވޭނެ ކަހަލަ ރޭވުންތަކެއް ރާވައިގެން ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން މި ބަލަނީ". މާޒިޔާގެ މެނޭޖަރު އިބްރާޙީމް ވަހީދު ބުންޏެވެ.
ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމަށް މާޒިޔާއިން މީގެ 13 އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަން ހާމަވާ އެންމެ ބޮޑު އެއް ކަމަކީ، ފާއިތުވީ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން މެޗުތަކަށް އަދި މުބާރާތްތަކަށް އެކުލަވާލި ސްކޮޑުތަކުގައި ހިމެނޭ ކުޅުންތެރިންގެ ބޮޑު އިންސައްތައެއް މާޒިޔާއަށް ނިސްބަތްވުމެވެ.
އެންމެފަހުން ރާއްޖެއިން ޑައިމަންޑް ޖުބިލީ މުބާރާތަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައިވެސް، އޭރު މާޒިޔާއަށް ނިސްބަތްވި 10 ކުޅުންތެރިން ހިމެނުނެވެ. އަދި މުބާރާތުގައި ރާއްޖޭގެ ކެޕްޓަނެއްގެ ގޮތުގައި ފެނުނު ހަމްޒާ މުޙައްމަދު (ހަމްޕު) އަކީ ވެސް އޭރު މާޒިޔާއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މީގެއިތުރުން، ޤައުމީ ޓީމުގެ ރަސްމީ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓޭ) އަކީ މާޒިޔާގެ ވެސް ކެޕްޓަނެވެ.
އައު ޗެލެންޖަކާއެކު މާޒިޔާއިން މި ސީޒަނަށް ކުރިމަތިލާފައިވާއިރު ޗެރިޓީ ޝީލްޑްގެ ކާމިޔާބީއަށްފަހު އެ ޓީމުން މިހާރު ވަނީ ކަޕް ވިނާސް ކަޕުގެ ފައިނަލުގެ ޖާގައެއް ވެސް ކަށަވަރުކޮށްފައެވެ. އެއީ މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް މާޒިޔާއިން ނުކުންނައިރު، ފައިނަލް މެޗުގައިވެސް ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.
އެ މެޗުތަކުގެ ކުރިން މާޒިޔާއިން އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފިކޭޝަން ބުރުގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް، މިމަހުގެ 11 ވަނަ ދުވަހު ނުކުންނާނެއެވެ. އެ މެޗު ކުޅޭނީ 11 ވަނަ ދުވަހުގެ 15:00ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާފައި ވަނީ އައު ކޯޗަކާއެކުއެވެ. ކަޕް ވިނާސް ކަޕުން ފެށިގެން ޓީމަށް އިރުޝާދުދެމުން އަންނަނީ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާއެވެ.