އެފްރިކާގެ ޤައުމެއް ކަމަށްވާ ޖިބޫޓީއިން ގިނަ ޢަދަދެއްގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 139 މީހުން މަރުވެއްޖެއެވެ.
އދގެ ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ. އައިއޯއެމްއިން ބުނީ ބަންޑުން ޖަހާލި ބޯޓުގައި ގާތްގަނޑަކަށް 305 މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. އޭގެ ތެެރެއިން 109 މީހުން މަރުވެފައިވާއިރު، 84 މީހުން ވަނީ ވީނުވީއެއް ނޭނގި ކަނޑަށް ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިން ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓު ބަންޑުން ޖަހާލާފައި ވަނީ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުގެ ރޭ، ޖިބޫޓީގެ ގުހެރޭ ކައިރިންނެވެ. އެ ހާދިސާގައި 82 މީހުން ސަލާމަތްވެފައިވާއިރު، އެ އެންމެންނަކީ ވެސް އިތިއޯޕިއާގެ ރައްޔިތުންނެވެ.
އައިއޯއެމްގެ ޖިބޫޓީ މިޝަންގެ އިސްވެރިޔާ، އެލެކްސަންޑްރެ ކޮސައިކް ވިދާޅުވީ ޖިބޫޓީގެ އިދާރާތަކާއެކު އައިއޯއެމްއިން އެ ސަރަޙައްދުގައި މަސައްކަތްކޮށް ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ކަނޑުމަތީގައި ކުރިމަތިވި މި ހާދިޘާއިން ދައްކުވައިދެނީ އިޤްތިޞާދީ ފުރުޞަތުތައް ހޯދުމަށް ހިޖުރަވެރިން އެ ސަރަޙައްދުގައި ކުރާ ދަތުރުތަކުގެ ނުރައްކާތެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއޯއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ޖިބޫޓީގެ އިދާރާތަކުން ކުރަމުންދާ ކަމަށެވެ. އަދި ސަލާމަތްވި މީހުންނަށް ފަރުވާދީ، މަރުވި މީހުން ވަޅުލުމުގެ އިންތިޒާމްތައް ވެސް އެ ޤައުމުން ހަމަޖައްސަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޔަމަނުގައި ވެސް މި ވަގުތު ސަޢުދީ ޢަރަބިއްޔާއިން ވާގިވެރިވާ އެ ޤައުމުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޫޘީންނާ ދެމެދު ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. ހަމަލާތަކުގެ ސަބަބުން ޔަމަނުގައި ވެސް 200،000އަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފަައެވެ. ޔަމަނުގެ 3،700އަށްވުރެ ގިނަ މީހުން މިިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޖިބޫޓީއަށް ކަނޑުމަގުން ދަތުރުކޮށްފައެވެ.
އިތިއޯޕިއާއަކީ ވެސް އެ ޤައުމެއްގައި ހަމަނުޖެހުންތައް ހިނގަމުންދާ ޤައުމެކެވެ.
އައު ދިރިއުޅުމެއްގެ އުންމީދުގައި އެ ޤައުމުގެ ގިނަ ޢަދަދެއްގެ މީހުން އެހެން ޤައުމުތަކަށް ދެެވެންހުރި މަގަކުން ހިޖުރަކުރެއެވެ. އިތިއޯޕިއާއިން ޔަމަނަށް ދަތުރުކުރާ މީހުން އާންމު ގޮތެއްގައި ބާބުލް މަންދީބު ހުރަސްކޮށް ގަލްފުގެ ޤައުމުތަކަށް ހިޖުރަކުރުމަށް މަސައްކަތް ކުރެއެވެ. ބާބުލް މަންދީބް ހުރަސްކޮށް ރެފިއުޖީން ކުރާ ދަތުރުތަކަކީ މި ވަގުތު ކުރާ އެންމެ ނުރައްކާތެރި އެއް ދަތުރުކަމުގައި އައިއެމްއޯއިން މީގެ ކުރިން ބުނެފައިވެއެވެ.