އާންމު އެހެން ފަރާތްތަކެކޭވެސް އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ކުރަމުން އަންނަ ބައެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި އަހަރުތަކެއްވަންދެން އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތްކުރެއްވި ފަރާތްތައްވެސް މަދެނޫނެވެ.
ޢިލްމީ ރޮނގުންނާއި، ފަންނީ ގޮތުން، ޤައުމީ ފެންވަރުގައްޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމު ތަމްސީލުކޮށް، ޤައުމަށް ރީތި ނަން ހޯދައިދީ، ޤައުމީ ޚިދުމަތުގައި މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ އެތައް ފަރާތެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެފަދަ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރައްވާ ވަކިވަކި ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރުމަށް ސަރުކާރުން ދެއްވާ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ރިވެލި އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ގައުމީ ހަރަކާތެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުމަށްދެވޭ މި އެވޯޑަކީ 2012ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
ރިވެލި އެވޯޑު 2026އާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ ޢަބްދުﷲ އަޝްރަފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައިވެސް ވަރަށް ޚިދުމަތްތެރި ފަރާތްތައް ތިއްބެވިކަމަށެވެ. އަދި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމާއެކުވެސް މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތައް މަދުނޫންކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އެކި ދާއިރާތަކުން ޤައުމީ އެވޯޑުތަކާއި، އެހެނިހެން އެވޯޑުތައް ދެމުން އަންނައިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުގެ އަގު ވަޒަންކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަން ކުރަމުން އަންނަ ފަރާތްތައް. މީގެ ތެރޭގައި އެބަ ތިއްބެވި ވަރަށް ޚިދުމަތްތެރި ފަރާތްތައްވެސް. އެ ފަރާތްތަކުގެ ހުރި ނުކުޅެދުންތެރިކަމާއެކުވެސް މުޖުތަމަޢުގައި ވަރަށް ހަރަކާތްތެރި ދައުރެއް ފަރާތްތައް އެބަތިބި. އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މި އެވޯޑު ދިނުމުގެ މަޤުސަދު." ޢަބްދުﷲ އަޝްރަފް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ، ރިވެލި އެވޯޑު ދޭ ދާއިރާތަކަށް ކޮންމެ އަހަރަކުވެސް ބަދަލު އަންނަކަމަށެވެ. އަދި މިއަހަރު 6 ދާއިރާއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަމަށާއި، އެވޯޑު ދިނުމުގައި އިސްކަންދޭނީ މީގެކުރިން އެވޯޑު ލިބިފައި ނުވާ ފަރާތްތަކަށް އެވޯޑު ދިނުމަށްކަމަށް ވިދާޅުވިއެވެ.
"އެވޯޑު ކުރިން ލިބިފައި އޮތް ފަރާތަކަށް ދެން ދެވޭ ގޮތަކަށް ނޫން މި އޮންނަނީ. މިއަހަރުވެސް އަޅުގަނޑުމެން ބަލާނީ 2012ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ކުރިން އެވޯޑު ލިބިފައި ނެތް ފަރާތްތަކަށް އެވޯޑު ދެވޭތޯ." އަހުމަދު އާތިފް ވިދާޅުވިއެވެ.
• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
• ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
• ތަޢުލީމީ ދާއިރާ
• އަމިއްލަ ޖަމުޢިއްޔާތައް
• ފަންނީ އަދި ފަރުދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް
• އިޤުތިސާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތައް
ރިވެލި އެވޯޑު 2026އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (health.gov.mv) އިން އަދި އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.
ފޯމު ފުރިހަމަކުރުމަށްފަހު ވުޒާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެވޯޑަށް ކުރިމަތިލެވޭނީ މިމަހުގެ 30ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00އާ ހަމައަށެވެ.