ރުކުމަޑި ނައްތާލާ ސޫފި އަލާކުރާ ސެންޓަރާއެކު މި ބަލި ރާއްޖެއިން ނައްތާލުމުގެ މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ މިހާރު ރައްޖޭގެ ރަށްތަކަށް ބޭނުންވާ މިންވަރާށް ސޫފި ފޯރުކޮށްދިނުމުގެ ޤާބިލްކަން ހޯދިފައިވާ ކަމަށެވެ.
ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދިރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މަޑީގެ މި ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހާލާކުކޮށް ރުށްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ.
މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ކުދިރުކުމަޑިއަށް ހަމަލާދޭނެ ސުއިތްޕެއް ވަނީ ހޯދާފައެވެ. މި ސޫފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ޤާއިމްކޮށް މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދއްވަމުން ދަނޑުވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުދި ރުކުމަޑީގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ޝަކުވާތައް ވުޒާރާއަށް އެކި ރަށްތަކުން، ޚާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން ވުޒާރާއަށް ހުށަހަޅާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގެ ރަށްތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޯށްފައިވާއިރު، މިމަސައްކަތް އަވަސް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިމަސައްކަތުގެ ނަތީޖާއަކަށް ވާނީ މި ބަލި ރާއްޖެއިން ނައްތާލެވުންކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ ކުދި ރުކުމަޑީގެ މައްސަލަ ހައްލުކުރުމަށް ހޯދިފައިވާ ސޫފި ރަށްތަކަށް ފޯރުކޮށްދިނުމުގެ ޤާބިލްކަން މިހާރު ޤާއިމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަމް ކައުންސިލާއި ބޭސް ހަވާލުކުރެވިފައިވާއިރު މިމައްސަލަ ލިއުމުން ހުށަހަޅާފައިވާ ރަށްތަކަށް އިސްކަން ދީގެން ބަލިޖެހިފައިވާ ރުއްތައް ތިބި ރަށްރަށް ބޭސް ފޯރުކޮށްދޭނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ހިސާބަކަށް މަޑުމަޑުން ޕްރޮވައިޑް ކޮށްދެވޭނެ. އެހެންނަމަވެސް ކުރިން ދެންނެވިހެން އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ބޮޑަކަށް، ވަކިން ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްރަށުން އެކަމުގެ ކަންބޮޑުވުން ގެނެސްފައި އެބަހުރި. އެހެންވީމަ އެރަށްރަށަށް އަޅުގަނޑުމެން އިސްކަން ދޭނަމޭ. ލިއުމުން މިކަން އަޅުގަނޑުމެންނާއި ހިއްސާކޮށްފައިވާ ރަށްތަކަށް އިސްކަންދޭނަމޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި މަސައްކަތުގެ އިތުރުން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް"ގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދެވި މި ތަމްރީނު ޕްރޮގްރާމުގައި، މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތަކެވެ.
ވަޒީރު ވިދާޅުވީީ، ހަނިމާދޫގައި ކުރިއަށް ގެންދިޔަ ތަމްރީނުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ދަނޑިވެރިކަން ކުރާ ރަށްތަކުގެ މީހުންގެ އިތުރުން ރާއްޖޭގައި ޕެސްޓިސައިޑް ގެންގުޅޭ ކުންފުނިތަކުގެ މުވައްޒަފުންވެސް ހިމެނޭ ކަމަށެވެ. އެހެން ކަމުން މިކަމުގެ ފައިދާ މުޅިރާއްޖެއަށް ކުރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.