ކުރިއަށް އޮތް ހަފުތާގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއަށް ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ހަފުތާ މެދުރާއްޖެ ތެރޭގައި ހިމެނޭ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި، އެސަރަޙައްދުގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ކަޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން މުހިންމުކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން އެންމެ ގޯސްވާނީ މެދުރާއްޖެތެރެއަށް ކަމަށް މެޓުއޮފީހުން ވިދާޅުވިއެވެ.
މެޓުއޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުކުރާނެ ކަމަށާއި، ވިލާގަނޑުގައި ވައިގަދަވެ ކަޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
މެޓުއޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާ ހުޅަނގުން ގަޑިއަކު 5 މޭލާ 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ. އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފުޓާ ދެމެދުގައިކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ބުރާސްފަތި ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވާއިރު ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.