ޚަބަރު

އިންފަންޓީނޯ އަށް ކުރި ތާއީދު އިނގިރޭސި އެފްއޭ އިން އަނބުރާ ގެންދަނީ


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އިނގިރޭސި އެފްއޭ އިން ކުރި ތާއީދު އަނބުރާ ގެންދަން ނިންމައިފިއެވެ.

އިނގިރޭސި އެފްއޭ އިން އިންފަންޓީނޯ އަށް ކުރި ތާއީދު އަނބުރާ ގެންދާނެކަން ލިއުމުން އަންގަން ނިންމާފައިވަނީ އިންފަންޓީނޯ ދާދި ފަހުން އިއުލާން ކުރި ފީފާ ފޯވާޑް އެންޓަރޕްރައިޒްގެ ހިއްސާ އާންމު ވިޔަފާރިވެރިންނަށް ވިއްކާލުމަށް ނިންމާ އެކަން އިއުލާން ކުރުމާއި ގުޅިގެންނެވެ.

ފީފާއިން އިންތިޒާމުކުރާ މުބާރާތްތައް ވިއްކާލަން ނިންމުމާއި ގުޅިގެން އެންމެ ފުރަތަމަ ފާޅުގައި އެކަމަށް ދެކޮޅުހަދާފައިވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިންނެވެ. ޔޫއެފާ އިން ވަނީ ކުއްލި ބައްދަލުވުމެއް ވަގުތުން ބާއްވާ އެފަދަ ކަމެއް ކޮށްފިނަމަ ފީފާގެ ފުޓްބޯޅަ މުބާރާތްތައް ބޯއިކޮޓް ކުރާނެކަމުގެ އިންޒާރުދީފައެވެ. އަދި އެއާއިއެކު އުތުރު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންކާކަފްގެ އިތުރުން އޭއެފްސީ އިންވެސް ވަނީ ޔޫއެފާގެ ހުށައެޅުމަށް ތާއިދުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ހޫނު ވެގެންދިޔައީ ފީފާގެ 211 މެމްބަރު ގައުމަށް އިންފަންޓީނޯ ސޮއިކޮށް ފޮނުވާފައިވާ ސިޓީ އެއްގައި އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން ފީފާ ފޯވާޑް އެންޓަރޕްރައިޒް އަށް ތާއިދުކުރާ ފަރާތްތަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީ ލިބޭނެކަމަށް އެންގުމާއި ގުޅިގެންނެވެ.

މި ސިޓީ އާއިއެކު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުން ވަނީ މިކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނިފައިވާކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ފީފާގެ މެމްބަރ 2111 ގައުމުގެ ތެރެއިން ޔޫއެފާގެ 55 ވޯޓާއި ކޮންކާކަފްގެ 35 ވޯޓާއި އޭޝިޔާގެ 46 ވޯޓާއިއެކު އިންފަންޓީނޯގެ އިތުބާރުވަނީ ގެއްލިފައެވެ. މީގެ އިތުރުން އެފްރިކާގެ 54 ވޯޓާއި އޯޝޭނިޔާގެ 11 ވޯޓުގެ އިތުރުން ކޮންމެބޮލްގެ 10 ވޯޓު ހިމެނެއެވެ.

އިންފަންޓީނޯ އަށް ފާޑުކިއުންތައް އަމާޒުވެފައިވާއިރު ކޮންކާކަފްގެ ރައީސް މޮންޓަގްލިއާނީ ވަނީ ކުރިއަށް އޮތް ދައުރުގައި ފީފާގެ ރައީސް ކަމަށް ވާދަކުރާނެކަމަށް ބުނެފައެވެ.