ބާޖަކުން ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ފާލާން މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުންވަނީ ބަންދުކޮށްފައެވެ.
އެޗްޑީސީން ވިދާޅުވީ މިޖެޓީއަކީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް އަވަސް ފުރުސަތެއްގައި އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންއަންނަކަމަށެވެ.
ޖެޓީ ބަންދުކުރެވިފައިވާ މުއްދަތުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީންވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.