މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތައް ސާފުކުރުމަށާއި، ކުނި ނައްތާލުމަށް 13.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އަމާން ޓަވަރުތަކުގެ އާންމު ސަރަޙައްދުތަކުން 3،178 ޓަނުގެ ކުނި ނައްތާލާފައިވެއެވެ. އަދި މިއަހަރުގެ މޭއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1،862 ޓަނުގެ ކުނި ވަނީ ނައްތާލާފައެވެ.
މިއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރުން، މިއަހަރުގެ ޖޫންމަހުގެ ނިިޔަލަށް އަމާން ޓަވަރުތަކުގެ އާންމު ސަރަޙައްދުތަކުން 5،040 ޓަނުގެ ކުނި ނައްތާލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއް ޓަނަކީ، 133 ކޮތަޅު ނުވަތަ އެއާ އެއްވަރުގެ މިންވަރެކެވެ.
އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުން، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އަމާން ޓަވަރުތަކުގެ އާންމު ސަރަޙައްދުތައް ސާފުކުރުމަށާއި، ކުނި ނައްތާލުމުގެ މަސައްކަތަށް 8.45 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަދި މިއަހަރުގެ އޭޕްރިލްމަހު އެކަނިވެސް 75.1 ހާސް ރުފިޔާ ޚަރަދުކޮށްފައިވާއިރު، މޭއި މަހުން ފެށިގެން ޖޫންގެ ނިޔަލަށް މި މަސައްކަތަށް 4.95 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އަމާން ޓަވަރުތަކުގެ އާއްމު ސަރަޙައްދުތައް ސާފުކުރުމާއި، ކުނި ނައްތާލުމަށް ހޭދަކުރި ޖުމްލަ އަދަދުވަނީ 13.5 މިލިޔަނަށް އަރާފައެވެ.
އެފްޑީސީން ވިދާޅުވީ، މިހާތަނަށް ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ، އާންމު ސަރަޙައްދުތަކަށް އެކި ބާވަތުގެ ކުނި އެޅުމުގެ ސަބަބުން ކަމަށެވެ.
އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި، ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން އިތުރުވެފައިވާ ކަމަށް އެފްޑީސީން ވިދާޅުވެއެވެ.
އެހެންކަމުން، މިފަދަ އިހުމާލުތަކުގެ ސަބަބުން ޚަރަދު ހިނގާ މިިންވަރު ކުޑަކޮށް، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް، ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އެދިފައެވެ.