ޚަބަރު

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް


  • މިހާތަނަށް 12000 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައި

  • މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން ހިމަބިހީގެ 20 ކޭސް ފެނުނު

މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން އެކަނިވެސް ހިމަބިހީގެ 20 ކޭސް ފެނިފައިވެއެވެ. މިއާއެކު މިއަހަރު މިއަހަރުގެ މިހާތަނަށް ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދުވަނީ 186 އަށް އުފުލިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް 12000 މީހަކަށް ހިމަބިހީގެ ވެކްސިން ދެވިފައިވާކަމަށެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހި ފެތުރޭ ގޮތްތައް:

ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން
ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން

އެޗްޕީއޭއިން ވިދާޅުވީ، ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.