ރާއްޖޭގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކާއެކު ކެޔޮދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް އެރަށުގައި ފަށައިފިއެވެ. ކެޔޮދޫ ކައުންސިލްގެ 4 ވަނަ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ކުޅޭ ޓީމްތަކުން ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ފެންނާނެއެވެ.
މުބާރާތުގައި ކުޅޭ ގައުމީ ޓީމްގެ ކުޅުންތެރިންގެ ތެރޭގައި ހައްވާ ރާޝިދާ, އައިޝަތު މާޖިދާ, ހައްވާ ސަހާ, އާމިނަތު ސަހާ ޝާމިން, ސެޓަރު ފާތިމަތު ޖޫޒާން, މާޔާ ހުސައިން, އާމިނަތު ރިޔާސާ, އަދި ހައްވާ ނާޒިމާ ހިމެނެއެވެ. މުބާރާތުގެ ގަވާއިދުވާ ގޮތުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނެއެވެ. އެކަމަކު އެއްވަގުތެއްގައި ކުޅުމުގެ ފުރުޞަތު ލިބެނީ ދެ ކުޅުންތެރިންނަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު މާޖިދާއާއި ނާޒިމާ ހިމެނޭ މަންތާ ވިއު ކާމިޔާބުކުރިއެވެ. އެއީ އަލްބާ ލޮޖްއާ ވާދަކޮށް 3-1 ސެޓުން ނެވެ. ސެޓްތައް ގެންދިޔައީ 25-20 14-25, 25-16 އަދި 25-18 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިޝަތު މާޖިދާއެވެ.
އަންހެން ޑިވިޝަންގެ ދެވަނަ މެޗު ކާމިޔާބުކުރީ ރޭވަ އެވެ. މި ޓީމްގައި ހައްވާ ސަހާ އާއި ޖޫޒާންގެ އިތުރުން ރިޔާސާ ހިމެނެއެވެ. މެޗު ކާމިޔާބުކުރީ ދިނަޝައާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ކެޔޮދޫ ސްކޫލްގެ ދަރިވަރުންގެ މައްޗަށް ބިނާވެފައިވާ ދިނަޝަ 25-11 ން ގެންދިޔައެވެ. ނަމަވެސް ރޭވަ އިން ޖެހިގެން އައި ތިން ސެޓް ކާމިޔާބުކުރިއެވެ. އެއީ 25-13, 25-17 އަދި 25-10 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހައްވާ ސަހާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގައުމީ ޓީމްގެ ކެޕްޓަންކަން ކުރި އާދަމް ފައިރޫޒު ކުޅެމުން އަންނަ އަލްބާ ލޮޖްއެވެ. އެއީ ޔުނައިޓެޑް ގްރީންއާ ވާދަކޮށެވެ. މެޗުގެ ސެޓްތައް އަލްބާ ލޮޖް އިން ގެންދިޔައީ 25-21, 25-13 އަދި 25-13 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފައިރޫޒް އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި 4 ޓީމް އަދި ފިރިހެން ޑިވިޝަންގައި 5 ޓީމް ވާދަކުރެއެވެ. ފައިނަލަށް ދާނީ ލީގު ބުރެ ކުޅެ, އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.