ޚަބަރު

އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ


  • މިއީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު މަސައްކަތެއް

  • ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެންނާނެ

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމު ޒުވާނުންނާއި އަންހެނުންގެ ކުރިއެރުވުމަށް ސަރުުކާރުން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. މިއީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނާއި އަންހެނުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރާ ބަޔަކަށްވާއިރު އެ މީހުންގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން ކޮންމެހެން ބޭނުންވާ ކަމަށާއި އެގޮތުން، ކުރިއަށް އޮތްތަނުގައި ޒުވާނުންގެ މަޖިލިސް، ނުވަތަ ޔޫތު ޕާލަމަންޓް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި މަޖިލިސް ގާއިމުކޮށް، ސިޔާސީ ދާއިރާގައި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުން އަންނަ މަސައްކަތުގައި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުންވެސް މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކޮށްދިނުމަކީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން ދާދިފަހުންވެސްގާތްގަނޑަކަށް 5،600 އަށްވުރެ ގިނަ ޒުވާނުންނަށް ކުދިލޯނު ލިބޭނެ ލޯނު ސްކީމެއް ތަޢާރުފްކޮށްފައިވާ ކަމަށާއި ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުމަށްޓަކައި ޒުވާނުންނާއި އަންހެނުންނަށް އެކިކަހަލަ ފަހި ފުރުޞަތުތައް ފޯރުކޮށްދެމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޠަނީ ޚިދުމަތަކީ ޤައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި ޒުވާނުން އުފެއްދުމަށްޓަކައި ހިންގާ މުހިންމު ޙަރަކާތެއް ކަމަށާއި އޭގެތެރެއިން އުފެދިގެން ދަނީ ބާރުވެރިކުރެވިފައިވާ، ޤައުމުދެކެ ލޯބިވާ، ބޭނުންތެރި، ބިނާކުރަނިވި، އަދި މަސައްކަތްތެރި ޒުވާނުންތަކެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.