ޚަބަރު

ދިއްދޫ ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ކޯޗު ޓީމާއި، ދުރަށް


  • ދިއްދޫއިން ވަނީ ޑީޕީއެލް ކޮލިފިކޭޝަނުގެ ތިންވަނަ ހޯދާފައި

  • ދިއްދޫ އަކީ އުތުރުގެ ޗެމްޕިއަނުން

ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް، ހއ. ދިއްދޫއަށް ހޯދައިން ކޯޗު މޫސާ އިބްރާޙީމް (މުސްތަޓޭ) އެ މަގާމު ދޫކޮށްލައިފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ދިއްދޫ ޓީމުގެ އޮފިޝަލަކު ވަނީ ކޯޗު މޫސާ އެ މަގާމު ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވީ، މި ނިންމުން މޫސާ ނިންމާފައި ވަނީ އާއިލީ ބައެއް ސަބަބުތަކާއި، އެނޫންވެސް ދިރިއުޅުމުގައި ހުރި ބައެއް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި މި ނިންމުމަކީ ކުލަބާ މަޝްވަރާކުރެވިގެން ނިންމާފައިވާ ނިންމުމެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދިއްދޫ ޓީމުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، މޫސާގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން، އެ ޓީމުގެ ޤާބިލުކަމާއިމެދު އެންމެން ސުވާލު އުފެއްދިއިރުވެސް ޓީމާއިމެދު ގެންގުޅުނު ޔަގީންކަމާއި، ކުޅުންތެރިންނަށް ކުރި އިތުބާރަށް ޓީމުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ފުރަތަމަ ފަހަރަށް ދިއްދޫއަށް ދިވެހި ފުޓުބޯޅައިގައި ފުރަތަމަ ޑިވިޝަނާ ހަމައަށް އާދެވުނީ ކޯޗު މޫސާ ކުރި ހިތްވަރާއި ދެއްކި ސާބިތުކަމާއި އަޚުލާގުގެ ސަބަބުންކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ދިއްދޫއިން ފުޓުބޯޅައިގައި ކުރާ ކޮންމެ ދަތުރެއްގައިވެސް ކޯޗު މޫސާގެ ނަން އެ ޓީމާއި ގުޅިލައި މެހިފައިވާނެކަމަށް އެ ޓީމުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ދިއްދޫ ޓީމުގެ އޮފިޝަލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް އެ ކުލަބުގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި މިކަމުގައި އެއްވެސް ފަރާތަކާ މަޝްވަރާކުރެވިފައި ނުވާކަން އޭނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމަށްޓަކައި އައު ކުޅުންތެރިން ހޯދަން ޖެހޭނަމަ، އެ މަސައްކަތްވެސް، ދެން ގެންނަ ކޯޗެއްގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދިޔަ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައި، މާލޭގައި ކުރިއަށްދިޔަ ދިވެހި ލީގުގައި އެ ޓީމުން ވާދަކުރިއިރު، ޕްރިމިއަރ ލީގުގެ ޖާގައެއް އެ ޓީމުން ކަށަވަރުކުރީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްލައިގެންނެވެ. މި ފަސް މެޗުން ދިއްދޫއަށް ވަނީ 10 ޕޮއިންޓު ލިބިފައެވެ.

ކޮލިފިކޭޝަންގެ އެއްވަނަ އަދި ދެވަނަ ހޯދި މާލެއަށް ނިސްބަތްވާ ޓީސީ ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބަށްވެސް ފަސް މެޗުން ލިބުނީ 10 ޕޮއިންޓެވެ. ތާވަލުގައި މި ތިން ޓީމު ދަރަޖަކުރަން ޖެހުނީ ފައިދާ ގޯލަށް ބަލައިގެންނެވެ.