ޚަބަރު

"ސާކްގެ ބައްދަލުވުންތައް ފަށަން އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށް"


  • ސާކްގެ ބައްދަލުވުންތައް މި ސަރަހައްދަށް މުހިންމުކަމަށް ރައީސް ވިދާޅުވި

  • ސާކްގެ ސަބަބުން ރާއްޖެއާއި މި ސަރަހައްދަށްވެސް ފައިދާތަކެއްކުރާނެކަން ފާހަގަކުރެއްވި

އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، ސާކް ޤައުމުތަކުގެ ބައްދަލުވުންތައް އަލުން ފެށުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން، ސާކް ޖަމިއްޔާގެ ހަރަކާތްތައް މެދުކެނޑިފައި އޮންނަތާ އަހަރުތަކެއް ވަނީ، ވެފައެވެ. 2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދު ޖަމާއަތުން ދިން ހަމަލާތަކަކާ ގުޅިގެން އިންޑިއާ ހިމެނޭހެން ސާކްގެ ހަ ޤައުމަކުން އެ އަހަރުގެ ސާކް ސަމިޓު ބޮއިކޮޓްކުރިއެވެ. އޭގެ ނަތީޖާއަކަށްވީ އެ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ނިންމި ސަމިޓު ކެންސަލް ކުރުމެވެ.

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ބައިވެރިވުމާއިއެކު ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތައް ހިމެނޭހެން އެކުލަވާލި ސާކްއަކީ ސަރަހައްދީގޮތުން ބަލާއިރު މުހިންމު ޖަމާއަތެއް ކަމަށެވެ. އެހެންނަމަވެސް ފާއިތުވި 9 އަހަރު އެ ޖަމާއަތް ނުހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ސުލްހަވެރިކަމާއިއެކު ކަންކަން ހައްލުކުރަން ކަމަށާއި، އެކަމުގައި ރާއްޖެއިން އިސްނަގާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. މި ސަރަހައްދުގެ އަމާންކަމަށް ސާކް އަލުން ހިންގަން ފަށާ، ސާކްގެ ޤައުމުތަކުގެ ބައްދަލުވުންތައް ކުރިއަށްދިއުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

"ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ތަރައްޤީއާއި ސުލްޙަ މަސަލަސްކަމަށް އެކުވެރިކަން އިސްކޮށް މޭޒުދޮށަށް ވަޑައިގަންނަވާށޭ. އެކަން ކުރަން އުނދަނގޫވާނަމަ ރާއްޖެ މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޑިއޭޓަރަކަށް ވާންވެސް." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޚިޔާލު ތަފާތުންތައް ބޮޑުވެ ހަނގުރާމަތައް ކުރުމަކީ ރާއްޖެއިން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ކުރަމުންދާ ލާއިންސާނީ އަނިޔާތައް ރާއްޖެއިން އަބަދުވެސް ކުށްވެރިކުރާކަން ފާހަގަކުރައްވާ ރައީސްވަނީ، އެ ގަތުލުއާއްމުއާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއިލު ފިޔަވާ، ކުދިބޮޑު ހުރިހާ ޤައުމަކާއިއެކުވެސް ރާއްޖެއިން ޚާރިޖީ ގުޅުން ބާއްވާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

"އިސްރާއިލް ޕާސްޕޯޓުގައި މި ޤައުމަކަށް ނާދެވޭނެކަމަށް އަޅުގަނޑުމެން ނިންމީ ފަޚުރުވެރިކަމާއިއެކު. އެކަން ދަމަހައްޓާނަން އަޅުގަނޑުމެން. އެހެން ހުރިހާ ޤައުމުތަކާއިއެކު ގާތް ގުޅުމެއް އޮންނާނެ. އެމްޑީޕީގެ ވެރިކަން އަންނަ ކޮންމެ ފަހަރަކު ކަން ހިނގަނީ އެއާއި ދިމާ އިދިކޮޅަށް. ޕްރޯ އިސްރާއިލް ސިޔާސަތެއް މިތާ އޮތީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މިވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ވާނީ، އަރަބި އިސްލާމީ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހި ސިޔާސަތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ ދިވެހިންނާއި އެންމެ ގުޅޭ ސިޔާސަތުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރުގެ ޚާރިޖީ ސިޔާސަތުތަކުން ދިވެހިންނަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނެ ކަމަށެވެ.