ޚަބަރު

އޭޓީއެމް ފެއާ 2026: ރާއްޖޭގެ ސްޓޭންޑުން ދައްކުވައިދެނީ ކަނޑުއަޑީގެ ހިތްގައިމުކަން


  • ސްޓޭންޑުން ދިވެހި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިން

  • ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަޖުރިބާތަކާއި ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ

އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ އެތައްހާސް މާހިރުންނާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް އެއްތަންވާ މި ފެއާގައި ކޮންމެ ގައުމަކުންވެސް މަސައްކަތްކުރަނީ އެ ޤައުމެއްގެ ޚާއްސަ ސިފަތަކާއި، ޤައުމުގެ ރީތިކަން އެންމެ ފުރިހަމަ ގޮތުގައި އިޝްތިހާރުކުރުމަށެވެ.

ދުބާއީގައި ކުރިއަށްދާ އޭޓީއެމް ފެއާގައި، ރާއްޖެއިން ތައްޔާރުކޮށްފައިވާ ސްޓޭންޑުން ފަހިކޮށްދެނީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި، ކަނޑު އަޑީގެ މުއްސަނދިކަން ބަލާލުމުގެ ފުރުޞަތެވެ.

މިއަހަރު ރާއްޖެއިން ތައްޔާރުކޮށްފައިވާ ސްޓޭންޑުގެ ތީމަކީ ކަނޑުގެ އަޑީގެ ހިތްގައިމުކަން

މިއަހަރުގެ އޭޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ފެންނަފަދަ ޗާލު ގޮތަކަށެވެ. ރާއްޖޭގެ ސްޓޭންޑަށް ވަދެގެންދާ ކޮންމެ މީހަކަށްވެސް ނޫވިލުތަކުގެ އަޑީގައިވާ ޖާދުވީ ދުނިޔެއަކަށް ވަދެވުނުފަދަ އިހުސާސް ކުރެވޭނެއެވެ. ސްޓޭންޑުގެ ބޭރުންނާއި އެތެރެއިން ފެންނަންހުރި ހިތްގައިމު ޑިޒައިނުން ދައްކުވައިދެނީ ކަނޑުއަޑީގެ މުއްސަނދި ފަރުތަކާއި، ދިރުންތަކުގެ ރީތިކަމެވެ.

ރާއްޖޭގެ ސްޓޭންޑުގެ އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއްކަމަކީ، ދިރޭ މުރަކަތަކުގެ ބަގީޗާއެއްފަދައިން ފޮޓޯ ނެގުމަށް ހަދާފައިވާ ބެކްގްރައުންޑެވެ. އެކި ކުލަކުލައިގެ، ތަފާތު ބައްޓަންތަކުގެ ރީތި މުރަކަތަކާއި ދިރުންތައް އެ ބެކްގްރައުންޑުން ދައްކުވައިދީފައިވެއެވެ.

މީގެއިތުރުން މި ސްޓޭންޑުން، ތަފާތު އެކި ކުލަކުލައިގެ މުރަކަތަކުގެ ކައިރިން އެކި ކުލަކުލައިގެ މަސްމަހާމެހި ފަތާފައިދާ މަންޒަރު ޑިޖިޓަލް ސްކްރީންތަކުންނާއި، ތްރީ ޑީ މޮޑެލްތަކުން ދައްކުވައިދެއެވެ. އަދި ދޮންވެލީގެ މަޑު ކުލަތަކާއި، ކަނޑުގެ ނޫކުލައިގެ އަލިތަކުން ސްޓޭންޑު ޖަރީކޮށްފައިވުމުން، ފެއާ އަށް ޒިޔާރަތްކުރި ގިނަ ބަޔަކު ވަނީ މި ހިތްގައިމު މާހައުލަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ސްޓޭންޑުން ދިވެހި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު

އޭޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިޔުމުގެ ގޮތުން ދިވެހި ލުއި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަކި ސްޓޯލެއް ބަހައްޓާފައިވެއެވެ. މި ސްޓޯލުން ތެލުލި ބަބުކެޔޮ، ކުޅި ރޮށިފަދަ ދިވެހީންގެ ތެރޭގައި އާންމުކޮށް ކައިގުޅޭ ލުއި ކާނާ ތަޖުރިބާކޮށްލުމުގެ ފުުރުސަތު ފަހިކޮށްދީފައިވެއެވެ.

މިއީވެސް ދިވެހިންގެ މެހްމާންދާރީގެ އިތުރުން ދިވެހި ރަހަތައް ތަޖުރިބާކޮށްލުމަށް ފަހިކޮށްދޭ ފުރުސަތެކެވެ.

ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަޖުރިބާތަކާއި ހަރަކތްތަކާ ގުޅޭ މަޢުލޫމާތު

އޭޓީއެމް ފެއާގެ ރާއްޖޭގެ ސްޓޭންޑުގައި 49 ކޯ އެގްޒިބިޓަރ ކައުންޓަރާއި 52 ބީޓުބީ މީޓިން މޭޒު ބަހައްޓާފައިވެއެވެ.

އަދި ފޮޓޯ ނަގާނެ ބެކްޑްރޮޕަކާއެކު ކައުންޓަރުތައް ހަދާފައިވާއިރު، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތަކާއި، ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކައުންޓަރުތައްވެސް ބަހައްޓާފައިވެއެވެ.

ހަމަގައިމުވެސް މިއަހަރުގެ އޭޓީއެމް ފެއާގައި ރާއްޖެއިން ދައްކުވައިދެނީ ހަމައެކަނި ސްޓޭންޑެއް ނޫނެވެ. އެއީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ އަގުނުކުރެވޭ މުއްސަނދިކަން މުޅި ދުނިޔެއަށް ދައްކުވައިދިން ހިތްގައިމު ލޯގަނޑެކެވެ.