ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، މަރުޙަބާ ދެއްނެވުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް މަރުޙަބާ ދެންނެވުން އެންމެ ފުރަތަމަ ކުރިއަށްދަނީ ރަސްމީކޮށް، ޢިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ރައީސް އޮފީސް ހިމެނޭ ސަރަޙައްދުގައެވެ. މިގޮތުން މިހާރު ޢިއްޒުންދީން ފާލަމާ ދިމާލުން ގިޑިގެ ތައްޔާރުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި މަރުޙަބާ ދެންނެވުމަށްޓަކައި ޖުމްހޫރީ މައިދާނުގައިވެސް ތައްޔާރީތައްދަނީ ވަމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އަރުއްވާފައިވަނީ، 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.
މިޒިޔާރަތުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމަށް 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އަންވަރު އިބްރާހީމް ހަވާލުވުމަކީ އެޤައުމަށް ސިޔާސީގޮތުން އައި ބޮޑު ބަދަލެއްގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުން ދެކެއެވެ. ސިޔާސީ މައިދާނުގައި ނުފޫޒުގަދަ އިންވަރު ގެންދަވަނީ ބައިނަލްއަޤުވާމީ މައިދާނުގައިވެސް މެލޭޝިއާގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރައްވަމުންނެވެ.
ފަލަސްޠީނުގެ މައްސަލައިގައި އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅުތައް އިސްރާއީލާއި މެދު އަޅުއްވާ، ފަލަސްޠީނުގެ ހައްގުގައި ބަސްވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އަންވަރުވަނީ ފާހަގަކުރެވިފައެވެ. އެކި ނަސްލުތަކަށް ނިސްބަތްވާ 34 މިލިއަނަށްވުރެ ބޮޑު އާބާދީއެއްގައި އަމާން ޤާއިމުކޮށް، ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު އިޤްތިޞާދީ އައި އިޖުތިމާޢީ ތަރައްޤީ ގެނެސްދިނުމަށް އޭނާ ގެންދަވަނީ އިސްލާޙީ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންނެވެ.