ޚަބަރު

ބަޖެޓުގެ ތެރެއިން ކޮންމެ މީހަކަށް 5,000 ޑޮލަރު ދެވޭނެ: ޓްރަމްޕް


މި އަހަރު އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފި ނަމަ، 18 އަހަރު ފުރިފައިވާ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 އެމެރިކާ ޑޮލަރު ދިނުމުގެ މާލީ ތަނަވަސްކަން ސަރުކާރުގައި އެބަހުރި ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި ފައިސާ ދޫކުރުމަށް ކޮންގްރެސްގެ ރުހުން ހޯދަން ޖެހޭނެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން، މި އަދަދަށް ފައިސާދިނުމަކީ ވަރަށް ފަސޭހަވާނެ ކަމެއް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އަދި، އާމްދަނީގެ ގޮތުގައި ޤައުމަށް އެތައް ޓްރިލިޔަން ޑޮލަރެއް ވަންނަމުންދާއިރު، މި ފައިސާ ފަސޭހައިން ހަމަޖެއްސޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ، ހުސްވި ހަފުތާގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަންގައި އޭނާ އިޢުލާނު ކުރައްވާފައިވާ ވަޢުދެކެވެ.

ނަމަވެސް، މި ފަދަ އެހީއެއް ދޫކުރެވޭނީ ކޮންގްރެސްގެ ރުހުން ލިބިގެން ކަމަށާއި އޭގެ ތަފްސީލުތައް ދެނެގަންނަން ޖެހޭ ކަމުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް މައިކް ޖޮންސަން ވިދާޅުވިއެވެ. އަދި، ބުރަކޮށް މަސައްކަތްކުރާ ރައްޔިތުންނަށް ފައިސާ ދިނުމަށް ތާޢީދުކުރެއްވި ނަމަވެސް، ޤައުމުގައި 4 ޓްރިލިޔަން ޑޮލަރުގެ ބޮޑު ދަރަންޏެއް އޮތުމުން އެ ހަރަދު ހަމަޖައްސާނެ ގޮތަކާމެދު ސީރިޔަސްވާން ޖެހޭ ކަމުގައި ރިޕަބްލިކަން ޕާޓީގެ މެންބަރު މައިކް ލޯލަރ ވިދާޅުވިއެވެ. ޓްރަމްޕްގެ މި ހުށަހެޅުމަށް ތާޢީދުކުރައްވާކަން ފާޅުކުރައްވަން ދެކޮޅު ހައްދަވަމުން ގެންދަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރޭގައި ލޯލަރ ވެސް ހިމެނިވަޑައިގަންނަވައެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ޓްރަމްޕްގެ މި ވަޢުދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މި ގޮތުން، މިއީ ސީރިޔަސް ހުށަހެޅުމެއް ނޫން ކަމުގައި ހައުސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ވިދާޅުވިއެވެ. އަދި، ސިއްހީ އެހީތެރިކަމުގެ ސަބްސިޑީތައް އުވައިލާފައިވާ ކަން ފާހަގަކުރައްވައި، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ލިބުނު ނަމަވެސް، ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދެވޭނެ ކަމަށް ޤަބޫލުކުރުމަކީ ބޮޑު ކުށްހީއެއް ކަމުގައި މިޝިގަންގެ ސެނެޓަރު މެލަރީ މެކްމޮރޯ ވެސް ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގު ބަލަހައްޓާ ޕަބްލިކް ސިޓިޒަން ޖަމުޢިއްޔާގެ އިސްވެރިޔާ ލީސާ ގިލްބަރޓް ވަނީ މިއީ އަންނަ ނޮވެމްބަރު މަހުގެ އިންތިޚާބުގައި ވޯޓު ގަތުމަށް ޓްރަމްޕް ކުރައްވާ ވަރަށް ދަށު ދަރަޖައިގެ މަސައްކަތެއް ކަމުގައި ސިފަކުރައްވާފައެެވެ. އަދި، މިއީ ކުރެވޭނެ ކަމެއް ނޫންކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާ ކަމަށާއި، އޭނާގެ ޕާޓީއަށް ތާޢީދު އިތުރު ކުރުމަށް ޓަކައި ދޮގު ވަޢުދެއް މެދުވެރިކޮށް ވޯޓުލާ މީހުންނަށް ރިޝްވަތު ދިނުމަކީ އެމެރިކާގެ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަކާ މުޅިން ޚިލާފު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.