ކުޅިވަރު

ސްޕޭނުގެ ކޮންމެ ކުޅުންތެރިއަކަށް ނުވަ ލައްކަ ޑޮލަރު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުން ސްޕޭނުގެ ކޮންމެ ކުޅުންތެރިއަކަށް ނުވަ ލައްކަ ޑޮލަރުގެ ބޯނަސްއެއް ދޭން ނިންމައިފި އެވެ.

އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބު ކުރުމުން ސްޕޭނަށް ވަނީ އިނާމެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ލިބިފަ އެވެ. ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމާފައިވަނީ މި ފައިސާގެ 45 ޕަސެންޓް ކުޅުންތެރިންނަށް ދިނުމަށެވެ. އެއީ 25.9 މިލިއަން ޑޮލަރެވެ. ޓީމުގެ 26 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 995،000 ޑޮލަރު ލިބިފައިވެ އެވެ.

މީގެ އިތުރުން ޓީމުގެ އޮފިޝަލުންނަށް ވެސް މި މިންވަރަށް ބޯނަސް ދޭނެ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ސްޕޮންސަރުންނާއި ވިޔަފާރީގެ މުއާމަލާތަތްކުން ފެޑަރޭޝަނަށް ލިބުނު ފައިސާއިން ވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް އިތުރު ބޯނަސް ދޭނެ އެވެ. އޭރުން ލަފާކުރަނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ ބޯނަސް ގާތްގަނޑަށް މިލިއަނަކަށް އަރާނެ ކަމަށެވެ.

ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރީ ދިފާއީ ޗެމްޕިއަން އާޖެންޓީނާ 1-0އިން ބަލިކޮށްފަ އެވެ. މިއީ ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އެ ގައުމުން އެންމެ ފުރަތަމަ މި ތަށި ހޯދާފައިވަނީ 2010 ވަނަ އަހަރު އެވެ.