ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަތީ، މިމަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ރާއްޖެ އައީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި ތަކެތި ފެނިފައިވަނީ، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައި ހުއްޓާ، ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވެއެވެ. އެއީ، 1،975 ގްރާމުގެ ކެނަބިސް އަދި 3،565 ގްރާމުގެ ކެނަބިސްއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ހުރިއިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. މިތަކެތި އަތުލައިގަނެފައިވަނީ، 18 ޖުލައި 2026 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ 2 ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް pic.twitter.com/eWmFsKJIaB
— Maldives Customs Service (@CustomsMv) July 21, 2026
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއި، އެ ތަކެތި ހިފައިގެން އައި ދެ މީހުން އިތުރަށް ތަޙުޤީޤު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ، ބޯޑަރުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތައް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅޭ މަނާ ތަކެތި އަތުލައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަންނަނީ، މަސައްކަތްތަކެއް ކުރަމުންނެވެ.