ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އެއްހަމަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީން އަންގައިފިއެވެ.
ޕީސީބީން މިގޮތަށް އަންގާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށް ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދު ދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލު ކުރުމަށެވެ. މި ނިންމުމުގެ މަޤުސަދަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުން ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރު ކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށް މަގުފަހިވާނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
ޕީސީބީން ވަނީ، މިމަހުގެ 30ގެ ކުރިން ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށް އަންގާފައެވެ. މި އިސްލާޙު ކުރާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ، އަންނަ މަހުގެ 1އިން ފެށިގެންނެވެ. މީގެ އިތުރުން، އިތުރު ގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ޚިދުމަތްތައް ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް، އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީން މީގެކުރިން ވަނީ ކުންފުނިތަކަށް އަންގާފައެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.