ޚަބަރު

ހިމަބިހި ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ދަށަށް!


  • މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު 166އަށް

  • ވެކްސިން ދިން މީހުންގެ ޢަދަދު 9،918އަށް

މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން 22 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިމަބިހީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދު ދަށްވެފައިވާކަން ވަނީ ފާހަގަވެފައެވެ.

މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 22 މީހުންނެވެ. އަދި އޭގެ ކުރީ ހަފްތާގައި ހިމަބިހި ޖެހިގެން 23 މީހަކު ރިޕޯޓްކޮށްފައެވެ. އެއާއެކު މިފަހުން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 166 މީހުންނަށް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9،918 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެނެއެވެ. ރާޢްޖެއިން މިބަލި އެއްކޮށް ނައްތާލާފައިވިނަމަވެސް، ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފެށީ، އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށެވެ.

ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވީ މީހުން ދެނެގަނެ ވެކްސިން ދިނުމާއި، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިފިޔަވަޅުތަކާއި މިހާރުވަނީ ބަލި ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރެއިން ގައިގައި ރަތް ބިހި ނެގުމާއި، ހުމާއި ރޯގާ ޖެހި ކެއްސާ ލޯރަތްވެ ކަމެއް ދިމާވާނަމަ ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިކަން ހޯދަންޖެހެއެވެ. ހިމަބިހީގެ ނުރައްކާ ކުޑަކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ މުހިއްމުކަމެކެވެ. އަދި ބަލީގެ ނުރައްކާ ހުންނަ ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ.