ޚަބަރު

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ފަތުރުވެރިކަމުގެ ޓެކުހުން


  • ޓީޖީއެސްޓީން ދައުލަތަށް 6.7 ބިލިއަން ރުފިޔާ

  • ޓެކްސް އާމްދަނީގެ ގޮތުގައި 17.6 ބިލިޔަން ރުފިޔާ

  • ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިޔަން ރުފިޔާ

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސްގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

މިއީ މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިޔަން ރުފިޔާ ނުވަތަ %7.7 ތުރުވެފައެވެ. ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 799.2 މިލިއަން ރުފިޔާ ނުވަތަ %9 އިތުރުވެ، 9.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ 2.7 ބިލިޔަން ރުފިޔާއިން 3.0 ބިލިޔަން ރުފިޔާއަށް ނުވަތަ %12.1 އިތުރުވެފައެވެ.

ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 16 ޖުލައި 2025 އާ ހަމައަށް ލިބުނު 15.8 ބިލިޔަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 1.8 ބިލިއަން ރުފިޔާ ނުވަތަ %11.3 ކުރިއެރުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ އެމުއްދަތުގައި ލިބުނު 21.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.9 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 438.8 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 190.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 248.4 މިލިއަން ރުފިޔާ ނުވަތަ %130.3 ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޚަރަދުގެ ބަޔަށް ބަލާއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ%16 އިންސައްތައިގެ އިތުރުވުމެކެވެ.

މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ހޭދައެކެވެ. މި ރިޕޯޓުން ދައްކަގޮތުގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާ ނުވަތަ %86.3 އިތުރުވުމެކެވެ. ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރި ޖުމްލަ ހޭދަ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވުމީ، ލާމަރުކަޒީ ނިޒާމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ޖުލައި 16 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 24.5 ބިލިޔަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ 20.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ %21 އިތުރުވުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ޕޭ ހާމަނައިޒޭޝަން ގެ ސަބަބުން މުސާރައަށް ކުރާ ޚަރަދުތައް އިތުރުވެފައިވާތީ ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ %20.8 އިތުރުވެ 21.4 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުތައް ވަނީ %22.1 އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ހުރީ 1.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިޔަން ރުފިޔާގެ ސަރޕްލަސް އޮތް އޮތުމާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގަކަމަށް ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކައެވެ.