ބެލްޖިއަމްގެ ގައުމީ ކޯޗުކަން ރުޑި ގާސިއާ ދޫކޮށްލައިފި އެވެ.
ހުސްވި އަހަރުގެ ފެބްރުއަރީ މަހު މަގާމާ ހަވާލުވި ފްރާންސަށް އުފަން ކޯޗުގެ ކޮންޓްރެކްޓްގެ މުއްދަތަކީ ވެސް ވޯލްޑް ކަޕް ނިމެންދެންނެވެ. މަގާމު ދޫކޮށްލުމަށްފަހު އޭނާ ބުނީ "ބެލްޖިއަމްގެ ގައުމީ ޓީމަށް ކާމިޔާބީ އަށް އެދެން،" ކަމަށެވެ.
"އަހަރެން ބޭނުން އަހަރެންނަށް ލިބުނު އެ ފަދަ ދެވަނައެއް ނެތް ކުޅުންތެރިންނަށް ޝުކުރު އަދާ ކުރަން. އަދި ސްޕޯޓްސް ޑައިރެކްޓަރު ވިންސެންޓް އަދި ވޯލްޑް ކަޕުގައި އަހަރުމެންނަށް ސަޕޯޓް ކުރި ހުރިހާ ސަޕޯޓަރުންނަށް،" ގާސިއާ ބުންޏެވެ.
ވޯލްޑް ކަޕުގައި ބެލްޖިއަމް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލް ކުޅެފަ އެވެ. އެ މީހުން ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕޭން އަތުންނެވެ. ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްގެ ނަތީޖާތައް މުޅިން ރަނގަޅެއް ނޫނެވެ. އިރާނާއި މިސްރާ ވާދަކޮށް އެއްވަރުވި ނަމަވެސް ދެ ވަނަ ބުރަށް ދަތުރު ކުރީ ނިއުޒީލޭންޑްގެ މައްޗަށް 5-1ގެ ނަތީޖާއެއް ހޯދައިގެންނެވެ. އަދި ގަދަ 32ގެ ޓީމުގެ ބުރުގައި އެ މީހުން ކާމިޔާބު ހޯދީ ސެނެގާލް ބަލިކޮށްފަ އެވެ.
ބެލްޖިއަމް އަކީ އުމުރުން މިހާރު 62 އަހަރުގެ ކޯޗު މިހާތަނަށް ކޯޗުކޮށްދިން ފުރަތަމަ ގައުމީ ޓީމެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ސައޫދީ އަރަބިއާގެ އައް ނަސްރާއި އިޓަލީގެ ނާޕޮލީ އާއި ފްރާންސްގެ ލިލް އާއި ލިއޯން އަދި އިޓަލީގެ ރޯމާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.