ޚަބަރު

އަރިޔަދޫގައި ކާށި އާލާކުރާ މަރުކަޒު ޤާއިމުކުރުމަށް ދިރާސާކޮށްފި


  • ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރަން އެރަށް ހަވާލުކުރީ މިދިޔަ އަހަރު

  • މިތަނުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ

ކާށްޓަކީ ރާއްޖޭގައި ޒަމާނުއްސުރެ އެއްވެސް ދަތިކަމެއް ނެތި ލިބެމުން އައި އެއްޗެއްނަމަވެސް ކާށި ލިބުން ދަތިވެ، ކާށީގެ އަގުވެސް އުފުލިގެންދެއެވެ. ކާށި ލިބުން ދަތިވުމުން ރާއްޖޭއިން ބޭރުން ކާށި އެތެރެކުރަންޖެހޭ ހާލަތްތައްވެސް މެދުވެރިވެފައި އެބަހުއްޓެވެ.

ރާއްޖެއިން ޢާއްމުކޮށް ލިބޭ ބާވަތެއް ބޭރު ޤައުމުތަކުން އެތެރެކުރަންޖެހޭ ހިސާބަށް ދިޔައީ ރާއްޖެއިން ކާށި ލިބުން ވަރަށް ބޮޑަށް ދަތިވެގެންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018 ން 2022 އަށް ރާއްޖެއަށް 15.8 ޓަނުގެ ކާށި އެތެރެކުރިއެވެ. އަދި 2023 ވަނަ އަހަރު އެކަނިވެސް 240 ޓަނަށްވުރެ ގިނައިން ކާށި އެތެރެކުރަންޖެހުނު ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ހުރި ގިނަ ރުއްތަކަކީ މީގެ އެތައް އަހަރެއް ކުރިން ހައްދާފައިވާ ރުއްތަކެކެވެ. ކޮންމެ ރުކަކީވެސް އެ ރުކެއްގެ އުމުރުގެ ވަކި ހިސާބަކުން ރުކުގެ މަތިވަރު އެކީ ނެތިދާ ގަހެކެވެ. އެއާއެކު ކާށި އަދި އެނޫންވެސް އެއްޗެއް އެ ރުކަކުން ދެނެއް ނުލިބޭނެއެވެ. ކާށި ލިބޭ ރުއްތައް މަދުވަމުންދާއިރު ރަށްރަށުގެ ބިން އެކި ބޭނުންތަކަށް ބޭނުންކުރުމަށް ރުއްތައް ދަނީ ކަނޑަމުންނެވެ. އަދި ކައިރީގައި އޮންނަ ފަޅުރަށުން ކުރިން ކާށި ލިބުނަސް މިއަދު އެ ރަށުގައި ރިސޯޓެއް ހަދާފައި އޮތުމުން އެ ކާށިކޮޅު ލިބޭނެ ގޮތެއް ނެތެވެ. ހިތާމައަކީ ރުކަކީ އަޅުގަނޑުމެންނަށް މުހިއްމު ގަހެއް ނަމަވެސް ރުއް ގިނަކުރުމަށް ނުވަތަ ރުއް އިންދުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތްކަމެވެ.

މައްސަލަ ޙައްލުކޮށް ރުކުގެ އައު ޖީލެއް އުފެއްދުމަށާއި އެއިން ލިބޭ ނަފާ އިތުރުކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރުއް އިންދުމުގެ އިތުރުން އދ.އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ޤާއިމުކުރުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ޤާއިމުކޮށްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ދަށުން ދިރާސާ ކުރުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. އަޙްމަދު ޙަސަން ދީދީ ވިދާޅުވީ އެ ސެންޓަރު ތަރައްޤީކުރުމުގެ އިތުރުން ރުއް ދަނޑުތައް ހެއްދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަަމަށެވެ. އަދި ރުކާ ބެހޭ ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ހުރީ ވަރަށް ދުވަސްވެފައި ހުރި ރުއް. ރުކުގެ އައު ޖީލެއް އުފެއްދުމުގެ މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް މިހާރު އެބައޮތް ރަށެއްވެެސް. އެރަށުގެ ހާލަތު ބަލާ އެއަށް ޕްރޮޕޯސަލް ތައްޔާރުކޮށްފަ. އެތަނުގެ އެންމެ ބޮޑު ބޭނުމަކީ ރުކުގެ މަސައްކަތް ކުރާ މަރުކަޒަަކަށް އެތަން ހެދުން. ރުކުގެ އިތުރަށް ކާއްޓާ، ރުކުރަލާއި ދިޔާހަކުރު ތައްޔާރުކުރުން ފަދަ ތަަނަކަށް އެ ސެންޓަރު ވެގެންދާނެ. ސާވޭ ހަދާފައި މި މަސައްކަތް ކުރަނީ އެކަމަށް ޢިޢުލާން ކުރުމުގެ މަސައްކަތް." މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހެ ވުޒަރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަސަން ދީދީ ވިދާޅުވިއެވެ.

އަރިޔަދޫގައި ތަރައްޤީކުރާ ސެންޓަރުގައި ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ޤާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާރޗްވެސް އަރިއަދޫގައި ފެށުމަށް ވެސް ނިންމާފައިވެއެވެ. އަދި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް އާލާކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެކެވެ. މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދިޔުމުގެ ފުރުޞަތު ބޮޑުވާނެއެވެ.