އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން، އެއް ދުވަހެއްގެ ތެރޭގައި ހަ ޢަރަބި ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ކުވައިތު، ޤަޠަރު، ބަޙްރައިން، އުރުދުން، ޢުމާން އަދި ސޫރިޔާގައި ހުރި އެމެރިކާއިން ބޭނުންކުރާ އަސްކަރީ މަރުކަޒުތަކަށެވެ. އެ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ވަނީ، ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެން އީރާންގެ ޙަމަލާތައް ދިފާޢު ކުރުމަށް މަސައްކަތް ކޮށްފައެވެ. އީރާނާއި އެމެރިކާއާ ދެމެދު ޙަމަލާ ބަދަލުކުރުން ވަރުގަދަކުރަމުން ދިޔުމާއެކު، ސަރަޙައްދީ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، ޙަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ރާޑަރުތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމުގައެވެ. މިއީ، އެމެރިކާއިން އީރާނުގެ މަދަނީ ބިރާނާއި އުމްރާނީ ވަސީލަތްތަކަށް ދިން ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމުގައި އައިއާރްޖީސީން ބުނެއެވެ. މި ޙަމަލާތަކުގައި އެމެރިކާގެ މުހިންމު އަސްކަރީ ވަސީލަތްތަކެއް ހަލާކުކޮށްލާފައިވާނެ ކަމުގައި ވެސް އެ ލަޝްކަރުން ބުނެއެވެ.
ކުވައިތުގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ޙަމަލާތަކުގައި އެ ޤައުމުގެ ބައެއް ސިފައިން ޒަޚަމުވި ކަމުގައެވެ. އަދި، ޢުމާނާއި ސޫރިޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީފައިވާނެ ކަމުގައި އައިއާރްޖީސީން ބުނެއެވެ. ނަމަވެސް، ސޫރިޔާގެ އަސްކަރީ މަޞްދަރަކުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާތަކެއް ދީފައިވާ ވާހަކަ ދޮގުކޮށްފައެވެ. މި ކަމާ ގުޅޭގޮތުން އެ ޤައުމުތަކުން އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އުރުދުނުން ވެސް ބުނީ، ޙަމަލާތަކުގައި އީރާނުން ބޭނުން ކޮށްފައިވާ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އެމެރިކާއިން ބޭނުންކުރާ ޤަޠަރުގެ އަލް-ޢުދައިދު ވައިގެ ބަނދަރަށް ޙަމަލާދިންކަމުގައި އީރާނުން ބުނި ނަމަވެސް، ޤަޠަރުން ވެސް ބުނީ އެ ޙަމަލާތައް ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. ބަޙްރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ޙަމަލާތައް ނާކާމިޔާބު ކޮށްލާފައިވާނެ ކަމުގައި އެ ޤައުމުގެ ދިފާޢީ ބާރުން ވެސް ބުނެއެވެ. ނަމަވެސް، ޙަމަލާތަކުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާވި ކަމުގައި ޤަޠަރުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނުގެ ދަށުން ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށްދާ ކަމުގައެވެ. ދެ ޤައުމުގެ މެދުގައި ސުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއް އޮތް ނަމަވެސް، ޙަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގެ އަމަންއަމާންކަން ވަނީ ވަރަށް ބޮޑަށް ގޯސްވެ، ބައިނަލްއަޤުވާމީ ފެންވަރުގައި ކަންބޮޑުވުން އިތުރުވެފައެވެ.