ޚަބަރު

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރަން ރުހުން ދީފި


  • އަމީޒާއަށް ރުހުން ދޭން ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުން

  • ކޮމިޓީ މަރުހަލާގައި އަމީޒާއަށް ލިބިވަޑައިގެންނެވީ %92.44 މާކްސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މަޖިލީހުން އަމީޒާއަށް ރުހުން ދޭން ނިންމީ ރައީސުލްޖުމްހޫރިއްޔާ، ޓެކްސް ކޮމިޝަނަރަކު އައްޔަން ކުރުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓަކުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އެ މަޤާމުން އިސްތިއުފާ ދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމުންނެވެ.

މި މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަންފުޅެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެ ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވަނީ އަމީޒާއަށެވެ. އޭނާއަށް %92.44 މާކްސް ދީފައިވާއިރު ހަލީމަށް ދީފައިވަނީ %82.89 މާކްސްއެވެ. މި މަރުހަލާގައި ދެ ބޭފުޅުންނަކީ މަޤާމަށް ގާބިލު ބޭފުޅުންކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުވެއެވެ.

އިޤްތިޞާދީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ދެ ބޭފުޅުންނަށް ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާތިމަތު އަމީޒާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.