ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ސްޕޭނާއި ފްރާންސް ބައްދަލު ކުރާއިރު މިހާތަނަށް ދެ ޓީމުން މެޗުތަކަށް ދަތުރުކޮށްފައިވާ ގޮތަށް ފްރާންސަށް އެޑްވާންޓޭޖް އޮތް ކަމަށް ސްޕޭނުން ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްޕޭނުގެ އެލެކްސް ބައެނާ ބުނީ ދެ ގައުމުން މެޗުތަކަށް ދަތުރުކޮށްފައިވާ މިންވަރަށް ބަލާއިރު ފްރާންސަށްވުރެ ސްޕޭން ދަތުރުކޮށްފައިވާ މިންވަރު ގިނަވުމުން ވަރުބަލިކަން ބޮޑު ކަމަށެވެ. ދެ ގައުމުން ކޮށްފައިވާ ދަތުރުތަކަށް ބަލާއިރު ސްޕޭނުން 15000 ކިލޯ މީޓަރު އިތުރަށް ދަތުރުކޮށްފައިވާ އެވެ.
"މީގެ ސަބަބުން އަހަރުމެން ވަރުބަލިވާނެ. އެއީ ތެދެއް. އެއީ އެ މީހުންނަށް އެޑްވާންޓޭޖަކަށް ވެދާނެ. އެކަމަކު އަހަރުމެން މަސައްކަތް ކުރަނީ މި މެޗަށް އެންމެ ފުރިހަމަ އަށް ތައްޔާރުވާން. އަހަރުމެން އަރާމުކޮށް މެޗަށް ފިޓްވާނަން. ދުރު ތިބީންނަށް އެކަން ފާހަގަ ކުރެވުނަސް އަހަރުމެންގެ ވިސްނުމުގައި އެކަމެއްނެތް،" ބައެނާ ބުންޏެވެ.
އޭނާ އަދި ބުނީ ފްރާންސްގެ ފޯވަޑް ލައިނަކީ ވަރުގަދަ އަދި ހަލުވި ފޯވަޑް ލައިނެއް ކަމަށާއި ފްރާންސްގެ ނުރައްކަލަކީ ވެސް އެއީ ކަމަށެވެ.
"އެ މީހުންގެ ކުރީގައި ތިބި ހަތަރު ކުޅުންތެރިން ވަރަށް ރަނގަޅު މުބާރާތެއް ނިންމަން އެދަނީ. އެ މީހުން މޮޅަށް ކުޅެފި. އެކަމަކު އަހަރުމެން މަސައްކަތް ކުރާނީ އެ މީހުން އަހަރުމެންނަށް ބަލަން ތިބޭ ވަގުތު އަހަރުމެން އެ މީހުންނަށް ބަލާ ވަގުތަށްވުރެ އިތުރު ކުރަން. އެކަން ކުރެވެނީ ބޯޅަ އަތުގައި ބާއްވައިގެން. އަހަރުމެންގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ވެސް ކޮންމެ މެޗެއްގައި ވެސް އަހަރުމެން އަތުގައި ގިނަ ވަގުތު ބޯޅަ އޮތުން،" ބައެނާ ބުންޏެވެ.
އެންމެ ފަހުގެ ޔޫރޯ އާއި ނޭޝަންސް ލީގުގައި ސްޕޭން އަތުން ފްރާންސް ބަލިވި އެވެ. ބައެނާ ބުނީ އޭގެ ސިއްރަކީ ބޯޅަ ފްރާންސަށް ނުލިބުން ކަމަށެވެ.