ޚަބަރު

މަސްގަންނަން މިފްކޯއަށް ދެމުންދިޔަ ސަބްސިޑީ ވާނީ ހުއްޓާލާފައި: ވަޒީރު


  • މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނަ ކުރެވޭނެ

  • ސިނާޢަތަށް ބަދަލު ގެންނަނީ ޕްރައިވެޓް ކުންފުނިތައް ޝާމިލުކޮށްގެން

މަސްވެރިކަމުގެ ސިނާޢަތް ރަގަޅު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއެކު ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން މިހާރު މިފްކޯއަށް މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިރުއިރު، ރާއްޖޭގައި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކޮށްފައިނުވާކަން ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރިއިރު، އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހެއެވެ. އެ ފައިސާ މެދުވެރިކޮށް އިންފްރާސްޓްރަކްޗަރ އިތުރު ނުކުރެވުނީ ކީއްވެތޯ ވަޒީރު ވަނީ ސުވާލު އުފައްދަވާފައެވެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއެކު ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިން ގުނަ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއެކު މިފްކޯގެ މަސައްކަތްތައް ހަރުދަނާކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެބަ ޤަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. އަޅުގަނޑުމެން އެންމެން ޤަބޫލުކުރޭ. އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން." މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާރުޚާނާގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތައްވެސް ހިމަނައިގެން ވަށައިޖެހޭ ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަދު އެ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.