މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ޅ.ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ބޮޑުކެކުރިގެ އުމުރުން 32 އަހަރުގެ އާދަމް ޢަބްދުލްޢަޒީޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މި ޖުލައި މަހުގެ 12ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ހިންނަވަރު ޕޮލިހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެރަށު ގެއަކުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށްވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.