ޚަބަރު

ބިޒްނަސް ޕޯޓަލް: 1،000 އެޕްލިކޭޝަން ޝަރުތު ހަމަކޮށްފި


  • މިމަހުގެ 16ގެ ނިޔަލަށް އެޕްލިކޭޝަން ފުރިހަމަކުރެވޭނެ

  • ބާކީ 11،500 އެޕްލިކޭޝަން އެބަހުރި

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ ޝަރުތުހަމަނުވާ އެޕްލިކޭޝަންތަކުގެ ތެރެއިން 1،000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަ ކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިފަދަ އެޕްލިކޭޝަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށައެޅުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހުށައަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން 12000 އަށްވުރެ ގިނަ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ހަފުތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ވަނީ، އެފަދަ އެޕްލިކޭޝަންތައް ފުރިހަމަ ކުރުމަށް ފުރުސަތު ދީފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 1000 އަށްވުރެ ގިނަ އެޕްލިކޭޝަން ޝަރުތު ހަމަކޮށްފައިވާ ކަމަށެވެ. އަދި ބާކީ 11،500 އެއްހައި އެޕްލިކޭޝަން އެބަހުރި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި ފަރާތްތަކުންވެސް ވީހާވެސް އަވަހަށް ޝަރުތު ހަމަކުރުމަށް އެ ވުޒާރާއިން ވަނީ، އިލްތިމާސް ކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކުރާ އެޕްލިކޭޝަންތައް ޕޯޓަލްއިން ކެންސަލް ކުރެވޭނެ ކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ނަން ކެންސަލް ކުރުމުން ދެން 2 ވަނަ ފަހަރަށް އެނަން ބޭނުންވެގެން އަލުން އެޕްލައިކުރާއިރު، އެ ނަން ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ވުޒާރާއިން ބުނެއެވެ. އެހެންކަމުން ނަން ރިޒާވްކުރަން ލާފައި ހުރި ފަރާތްތަކުން ކެންސަލްވިޔަ ނުދީ މިލިބޭ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިންމާލުމަކީ، މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސިސްޓަމްތަކަށް ގެނައި ކުރިއެރުންތަކަށް ބަލާލާއިރު ކުރިއަށް އޮތްތަނުގައި އެ ވުޒާރާއަށް ލިބޭ އެޕްލިކޭޝަންތައް ޕްރޮސެސްކުރާއިރު އެއްވެސް މަރުހަލާއެއްގައި އެޕްލައިކުރި ފަރާތުން ކަމެއް ފުރިހަމަ ކުރަން ޖެހިއްޖެނަމަ އެކަން އަންގާނީ އީމެއިލް، މޯބައިލް އަދި ޕޯޓަލް މެދުވެރިކޮށް ނޮޓިފިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެ ނޮޓިފިކޭޝަން ލިބޭ ތާރީޚުން ފެށިގެން 3 ދުވަހުގެ މުއްދަތު ދިނުމަށްފަހު ސިސްޓަމުން އޮޓަމެޓިކަލީ އެޕްލިކޭޝަން ކެންސަލް ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ސިސްޓަމްގެ ތެރޭގައި މަޑުޖެހިފައިވާ އެޕްލިކޭޝަންތައް މަދުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށްވެސް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.