1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޤަތަރުގެ ވެރިކަން ކުރެއްވި ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ޤައުމުގެ ސަރުކާރުން އިޢުލާނުކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުން ވަނީ ޤަތަރަކީ އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ދުނިޔޭގެ ނަން ހިނގާ މުޙިއްމު ޤައުމެއްގެ ގޮތުގައި ބިނާކުރެއްވުމުގައި އެމަނިކުފާނުގެ ދުރުވިސްނުންފުޅު ފާހަގަކުރައްވައިފައެވެ.
ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ލީޑަރުންގެ ޝުޢޫރުތައް
ޢަރަބި ލީގު - ސެކްރެޓަރީ ޖެނެރަލް ނަބީލް ފަޙުމީ ވަނީ ޤަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ އަށާއި ޤަތަރުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.
ބެލްޖިއަމް - ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މެކްސިމް ޕްރެވޮޓް ވިދާޅުވީ ޝައިޚް ޙަމަދަކީ ޤަތަރުގެ ޒަމާނީ ބިންގާ އެޅުއްވި، މުޅި ދުނިޔެ ބަލައިގެންފައިވާ ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި ޤަތަރުގެ ފުރަތަމަ ދާއިމީ ޤާނޫނުއަސާސީއާއި، އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ލިބުނު މުނިސިޕަލް އިންތިޚާބުތައް ތަޢާރަފްކުރެވުނީ އެމަނިކުފާނުގެ ދައުރުގައިކަން ފާހަގަކުރެއްވިއެވެ.
ކެނެޑާ - ބޮޑުވަޒީރު މާކް ކާނީ އާއި ފޮރިން މިނިސްޓަރު އަނީތާ އަނަންދު ފޮނުއްވި މެސެޖުގައި، ޝައިޚް ޙަމަދަކީ ޤަތަރު ދުނިޔޭގެ މައިދާނަށް ނެރެދެއްވުމުގައި، ދުރުވިސްނުންފުޅު ގެންގުޅުއްވި ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިޞްރު- ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ވަނީ ޤަތަރުގެ ސަރުކާރަށާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަޢުޒިޔާ ވިދާޅުވެ، މި ހިތާމައިގައި ފުރިހަމައަށް ބައިވެރިވާކަން ހާމަކުރައްވާފައެވެ.
ފަލަސްޠީނުގެ ޙަމާސް ޖަމާޢަތް - ޙަމާސުން ނެރުނު ބަޔާނެއްގައި ޝައިޚް ޙަމަދަކީ ފަލަސްޠީނުގެ ޙައްގުތަކަށާއި، ޔަހޫދީންގެ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ވަކާލާތުކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ޚާއްޞަކޮށް 2012 ވަނަ އަހަރު އެމަނިކުފާނު ޣައްޒާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ ޣައްޒާގެ އެކަހެރިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެހީތެރިވެދިން، އެއްބައިވަންތަކަމުގެ ވަރުގަދަ ނަމޫނާއެއްކަމަށް ބުންޏެވެ.
އިންޑިއާ - ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ޝައިޚް ޙަމަދަކީ ޤަތަރަށް ތަރައްޤީއާއި ފާގަތިކަން ހޯދައިދެއްވި ދުރުވިސްނޭ ވަރުގަދަ ލީޑަރެއް ކަމަށާއި އަދި އިންޑިއާގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޤަތަރަށް ކުރެއްވި ދަތުރުގައި އެމަނިކުފާނާ ބައްދަލުވުމަކީ ލިބުނު ޝަރަފެއް ކަމަށް ވެސް މޯދީ ވިދާޅުވެފައިވެއެވެ.
އިރާޤު - ރައީސް ނިޒާރު އަމީދީ އާއި ބޮޑުވަޒީރު ޢަލީ އަލް ޒައިދީ ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އިރާޤުގެ ސަރުކާރާއި ރައްޔިތުން ޤަތަރާއެކު ސާބިތުވެ ތިބިކަން ހާމަކުރައްވާފައެވެ.
މެލޭޝިޔާ - ބޮޑުވަޒީރު އަންވަރު އިބްރާޙީމް ވިދާޅުވީ ޝައިޚް ޙަމަދަކީ ޤަތަރު ދުނިޔޭގެ މުހިންމު ބާރަކަށް ބަދަލުކޮށްދެއްވި ޙިކުމަތްތެރި ލީޑަރެއް ކަމަށެވެ.
ޕާކިސްތާނު - ރައީސް އާޞިފް ޢަލީ ޒަރުދާރީ ވަނީ ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާ ފޮނުއްވާފައެވެ.
އިޓަލީވިލާތް - ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ ޝައިޚް ޙަމަދަކީ އާދަޔާޚިލާފު ހިތްވަރަކާއެކު ޤަތަރުގެ ތާރީޚު ބަދަލުކުރެއްވި މަދުން ނޫނީ ނުފެންނަ ފަދަ ލީޑަރެއް ކަމަށެވެ.
އުރުދުން - ރަސްގެފާނު ޢަބްދުﷲ ވަނީ ޤަތަރުގެ ޝާހީ އާއިލާއަށް ހިތުގެ ފުންމިނުން ތަޢުޒިޔާ ފޮނުއްވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
ކުވޭތު - ކުވޭތުގެ ސަރުކާރުން ނެރުނު ބަޔާނުގައި، ޝައިޚް ޙަމަދުގެ ހިކުމަތްތެރި ދައުރުގައި ޤަތަރަށް ލިބުނު ފާގަތިކަމާއި ކުރިއެރުން ފާހަގަކުރެއްވިއެވެ.
ލުބުނާން - ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ލުބުނާނަށް ދިމާވި އެކި ދަތި ދަނޑިވަޅުތަކުގައި ޤަތަރުން ދިން ސިޔާސީ އަދި އިންސާނީ އެހީތެރިކަމަށްޓަކައި ޝައިޚް ޙަމަދުގެ ހަނދާންތައް އަބަދުވެސް އާލާވެ ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
ސޫރިޔާ - ރައީސް އަޙްމަދު އަލް ޝަރާޢު ވެސް ވަނީ ޤަތަރުގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައެވެ.
ތުރުކީވިލާތް - ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ތުރުކީވިލާތާއި ޤަތަރާ ދެމެދު އޮތް ސިޔާސީ، ވިޔަފާރީގެ އަދި އަސްކަރީ ގުޅުން މިހާރު އޮތް ވަރުގަދަ މިންވަރަށް ގެންގޮސްދެއްވުމުގައި ކުރީގެ އަމީރު ކުރެއްވި އިޚްލާސްތެރި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) - ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ވަނީ އަމީރު ޝައިޚް ތަމީމަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މަރުޙޫމްގެ ފުރާނަފުޅަށް ބަރަކާތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.
އދ- ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޝައިޚް ޙަމަދަކީ ޤަތަރަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވި ދުރުވިސްނުމާއި ތަސައްވުރު އިސްކުރެއްވި ލީޑަރެއް ކަމަށެވެ.
އިނގިރޭސިވިލާތް - ޚާރިޖީ ވަޒީރު އިވެޓް ކޫޕަރ ވިދާޅުވީ ޝައިޚް ޙަމަދަކީ އިނގިރޭސިވިލާތާއި ޤަތަރުގެ ޒަމާންވީ އެކުވެރިކަން ވަރުގަދަކުރެއްވި، އިޙްތިރާމް ހޯއްދަވާފައިވާ ލީޑަރެއް ކަމަށެވެ.
ޔަމަނު - ބޮޑުވަޒީރު ޝާޔާ މުޙްސިން އަލް ޒިންދާނީ ވަނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޙައްޤުގައި ކުރީގެ އަމީރު ކުރެއްވި ޚިދުމަތްތަކަށް ތައުރީފު ކުރައްވާފައެވެ.