ކަރެކްޝަނަލް ސަރވިސްއިން ފުލުހުންނާ ގުޅިގެން "އައްސޭރި ޖަލު" ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްސީއެސްއިން ފުލުހުންނާ ގުޅިގެން ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ޝެޑިއުލްޑް އަދި އަންޝެޑިއުލްޑް ސާރޗް އޮޕަރޭޝަންތައް ހިންގައެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މީގެކުރިން ކަރެކްޝަންސްއިން ވަނީ، ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައިވެސް އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ހުޅުމާލެ ޖަލުގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
ޖަލުތަކުގެ ބެލެހެއްޓުންތެރިކަމާއި، ހަރުދަނާ ކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޖަލުތަކުގެ ތެރޭގައި މަނާ ތަކެތި ގެންގުޅުމާއި، ކުށުގެ މައްސަލަތައް ޙައްލު ކުރުމަށްވެސް ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތަކުގެ އިތުރުން، ޖަލަށް ވައްދާ ތަކެތި ސްކޭން ކުރެވޭނެ ޒަމާނީ ނިޒާމުވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
މިދިޔަ މަހުގެ 15ވަނަ ދުވަހު ވަނީ މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމުކޮށް، ޖަލަށް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް ހަދާފައެވެ. މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފައެވެ.
މިއީ، މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން، އޮޅުވާލައިގެން ޖަލަށް ވަގަށް މާނާ ތަކެތި ވެއްދުމުގެ މަގު ބަންދުވާނެއެވެ. ނުވަތަ އެފަދަ ތަކެތި ހޯދުމަށް ބޮޑު ބާރަކަށް ވާނެއެވެ.
ޖަލުތަކުގައި ތިބެގެން، ސްކޭމްގެ ބޮޑެތި ޢަމަލުތައް ހިންގާކަން މީގެކުރިންވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.