ޚަބަރު

އައްޑޫ ކުނިން ހަކަތަ އުފައްދާ ޕްލާންޓް 2028ގައި އޮޕަރޭޝަނަށް ގެންނަނީ


  • ހަކަތަ އުފައްދާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ޤާއިމުކޮށް ނިމިފައިވަނީ 2023ވަނަ އަހަރު

  • 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުންނާނެ

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ނިޒާމު ނުވަތަ "ވޭސްޓް ޓު އެނާޖީ" ޕްލާންޓު 2028 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ ސަރަހައްދީ ފެންވަރުގައި ތަފާތު މަޝްރޫޢުތައް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ނިޒާމު ވިދާޅުވީ، އައްޑޫގައި ގާއިމުކުރާ މި ޕްލާންޓުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. މިޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.

ނިޒާމު ވިދާޅުވީ ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް ފުރިހަމައަށް ހިންގުމަށްޓަކައި ހަމައެކަނި ޕްލާންޓެއް ހުރެގެން ނުފުދޭކަމަށެވެ. އެހެންކަމުން، އެ ފެސިލިޓީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެހީގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ މަސައްކަތަށްބަލާއިރު 2028 ވަނަ އަހަރުގެ ތެރޭގައި މި މަރުކަޒު އޮޕަރޭޝަނަށް ގެނެވޭނެކަަމަށް ނިޒާމު ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ދާގޮތުން އަޅުގަނޑުމެން އުންމީދު މިކުރަނީ މި މަޝްރޫޢު ގާތް ގަނޑަކަށް 2028ގެ މެދަކާއި ހަމައަށް ނިންމާލެވި އެ ފެސިލިޓީވެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް. މިވަގުތު ވޭސްޓް މެނޭޖްމަންޓު ޕްލާންޓު ޤާއިމްކުރެވިފައި ހުރިކަމުގައިވީނަމަވެސް އޮޕަރޭޓެއް ނުކުރެވޭ. އޮޕަރޭޓް ނުކުރެވޭ ސަބަބަކީ އެ ފެސިލިޓީ ފުރިހަމަކުރަން ބޭނުންވާ އިތުރު ކޮންޕޯނަންޓުތައް މިހާރު ކުރިއަށް މިދާ މަޝްރޫޢުގެ ތެރެއިން ލޭންޑް ފިލްއާއި ސޯޑިން ފެސިލިޓީ އަންނާނެ . އެފުރިހަމަވެގެން އަންނައިރު ފުރިހަމަ ސިސްޓަމަަކަށް ވެގެން އަންނާނެ" ނިޒާމު ވިދާޅުވިއެވެ.

މޯލްޑިވްސް ގްރީން ފަންޑުން 16 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން އައްޑޫގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ޤާއިމުކޮށް ނިމިފައިވަނީ 2023ވަނަ އަހަރުގައެވެ. މި ޕްލާންޓު ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްގެ ދަށުން ހިންގުމަށް ބަޔަކާއި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްގެ ދަށުން މަޝްރޫޢުތައް ހިންގުމަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ހުންނަކަމަށާއި އެހެންކަމުން އެމަސައްކަތްކޮށް އައްޑޫގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ހަވާލުކުރެވޭނެ ވަކި ތާރީޚެއް އަދި ކަނޑައެޅިގެން ނޭނގޭކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.