ޚަބަރު

ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ބަޔަކަށް ލިޔުންތެރިން ވާންޖެހޭ: ރައީސް


  • ޙައްޤުބަސް ފެތުރައި، ރީތިކޮށް މުޚާޠަބުކުރުމަށް ނަސޭހަތްތެރިވި

  • މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވި

ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑާއިގެންނެވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށްކަމަށެވެ.

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރަނީ ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ "އަލްއިޞްލާޙު"އެވެ. ނަމަވެސް ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށީ ޖުލައި 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. ދީނީ ޢިލްމުވެރީން ދީނީ ރޮނގުންނާއި އަދަބީ ޢިލްމުވެރީން އަދަބީ ރޮނގުންނެވެ. ތާރީޚު ޢިލްމުވެރީން ތާރީޚީ ރޮނގުންނެވެ. ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެދެ ދާއިރާއިން މަސައްކަތްކޮށްފައިވެއެވެ.