ޚަބަރު

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި


  • ދެ މީހުންގެވެސް ބަންދުގެ މުއްދަތު 15 ދުވަސް ވަނީ ޖަހާފައި

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 6ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ދރ 071، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާހު އަލްތަބުރް ރަޙްމާން (31އ)އެވެ. މި 2 މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށާއި މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ދަނީ މެދުނުކެނޑި ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ދިވެހި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ދަނީ މަސްތުވާތަކެތި ކޮންޓްރޯލްކޮށް، އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.