ފީފާ ވޯލްޑް ކަޕް 2026ގެ ރައުންޑް އޮފް 16ގައި އާޖެންޓީނާ އަތުން ބަލިވެ، މިޞްރަށް މުބާރާތް ނިމުނު މެޗަށްފަހު އާޖެންޓީނާގެ ސަޕޯޓަރުން، އިސްރާޢީލުގެ ދިދައާއިއެކު މިޞްރުގެ ކޯޗު ހޮސާމް ހަސަންއަށް ފުރައްސާރަކޮށްފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، މެޗަށްފަހު ކޯޗު ހޮސާމް އެނބުރި ޓީމް ޑްރެސިންގް ރޫމާ ދިމާލަށް ދިޔަ ވަގުތު އާޖެންޓީނާގެ ޖާޒީ ލައިގެން ހުރި ސަޕޯޓަރަކު ވަނީ ކޯޗަށް ގޮވައި، އިސްރާޢީލުގެ ދިދަ ދައްކައި އޭނާއަށް ފުރައްސާރަކޮށްފައެވެ. އަދި އެކަމާއިމެދު ހިތްހަމަ ނުޖެހި، އެ ސަޕޯޓަރާ މުހާތަބުކޮށް ކޯޗު ހޮސާމް ވެސް ކޮންމެވެސް އެއްޗެއް ބުނާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އަދި އޭގެކުރިން، މިޞްރުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް އެ ދިދަ ދައްކައި ފުރައްސާރަކުރާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.
ބެލެވޭ ގޮތުގައި އާޖެންޓީނާ ސަޕޯޓަރުން މިފަދައިން ކަންކޮށްފައި މިވަނީ، މުބާރާތުގެ ރައުންޑް އޮފް 32ގައި އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށްފަހު މިޞްރުގެ ކޯޗު، ފަލަޞްޠީނުގެ ދިދައާއިއެކު އުފާ ފާޅުކުރުމުގެ ސަބަބުން އެކަމަށް ރައްދުދިނުމުގެ ގޮތުންނެވެ. ބައެއް މީޑިއާތަކުން ވެސް މި ވީޑިއޯ ހިއްސާކޮށްފައިވާއިރު، އެއިން ވީޑިއޯއެއްގައި ވާހަކަދައްކާ މިޞްރުގެ ސަޕޯޓަރަކު ވަނީ މިއީ މިޞްރަކީ މުސްލިމްގެ އާބާދީ ބޮޑު ގައުމަކަށްވީތީ ކުރި ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އާޖެންޓީނާގެ ރައީސް ހަވިއަރ މިލެއި އަކީ ފަލަޞްތީނުގައި ޔަހޫދީ ދައުލަތުން ހިންގާ ޖަރީމާތަކަށް ތާޢީދުކުރާ، "ޕްރޯ އިސްރާޢީލް" ފިކުރުގެ ބޭފުޅެކެވެ. އެހެންނަމަވެސް އާޖެންޓީނާގެ އާންމުންގެ ތެރޭގައި، މި މައްސަލައިގައި ފަލަޞްޠީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް އަޑު އުފުލާ ފަރާތްތައް ނުހަނު ގިނައެވެ. އެގޮތުން ފަލަސްޠީނުގައި ހިންގާ ޖަރީމާތައް ހުއްޓުވައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވައިލައި މުޒާހަރާތައް ވެސް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މުބާރާތުގެ ގަދަ 16ގައި އާޖެންޓީނާ އަތުން ބަލިވެ މިޞްރަށް މުބާރާތް ނިމުނުއިރު، ރައުންޑް އޮފް 32ގައި އޮސްޓްރޭލިއާ އަތުން ހޯދި މޮޅަކީ މި މުބާރާތުގެ ތާރީޚުގައިވެސް ނޮކްއައުޓް ސްޓޭޖުގައި މިޞްރުން ހޯދި ފުރަތަމަ މޮޅެވެ.