ޚަބަރު

ނޯތު ހާބަރުގެ އޭ ޒޯނުން ފެނާއި ކަރަންޓުގެ ޚިދުމަތް ފަށައިފި


  • މިސަރަހައްދުން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތްދޭނެ

  • ފެނުގެ ޚިދުމަތްދޭ 16 ޕޮއިންޓް ޤާއިމްކޮށްފައިވޭ

  • މީގެ ކުރިން މި ޚިދުމަތް ދެނީ ބީ ޒޯން އަދި ސީ ޒޯނުން

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމްކޮށް، އެ ޚިދުމަތް ދޭން ފަށައިފިއެވެ. މި މަސައްކަތް ފެށީ، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މީގެކުރިން މާލެ ނޯތު ހާބަރުގެ "އޭ ޒޯން" ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެކުރިން ދެނީ، "ބީ ޒޯން" އާއި "ސީ ޒޯން" އިންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވީ، މިހާރު "އޭ ޒޯން"އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ދޭނެ ކަމަށެވެ. އަދި އެސަރަޙައްދުގައި ފެނުގެ ޚިދުމަތް ދޭ 16 ޕޮއިންޓް ޤާއިމްކޮށްފައިވާ ކަމަށެވެ.

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަކީ، މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނިފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މިއީ، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާއެކު ރައީސުލްޖުމްހުރިއްޔާގެ އިރުޝާދުގެ ދަށުން ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އާންމު ދަތުރުފަތުރަށް ހުޅުވާލީ ފެބްރުވަރީ މަހުގެ 16ވަނަ ދުވަހުއެވެ.

މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.