ޚަބަރު

މޫދުވިނައާއި ކުޅި ޙިމާޔަތްކުރަން ބައިނަލްއަޤްވާމީ އެހީ ބޭނުންވޭ: ވަޒީރު


  • ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި

  • މިތަންތަނުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުން ދިމާވާ ގެއްލުންތަކުން ކުޑަކޮށްދޭ

މޫދުވިނައާއި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ، ރާއްޖޭގެ ދިރިހުރުމާއި އިޤްތިޞާދަށް މުހިންމު ތަންތަން ކަމަށާއި މިތަންތަން ޙިމާޔަތްކުރަން ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބައިވަންތަކަން ބޭނުންވާނެ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބެންގްކޮކުގައި ބޭއްވި އދގެ ތިމާވެއްޓާއި ތަރައްޤީއާއި ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބްލޫ ކާރބަން ސައިޑް އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.

ބްލޫ ކާރބަން ސައިޑް އިވެންޓުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި މައިގަނޑުގޮތެއްގައި ފާހަގަކުރެއްވީ، ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުގެ މުހިންމުކަމުގެ މައްޗަށެވެ. މި މައުޟޫއަށް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، މޫދުވިނައާއި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ، ކާރބަން ދަމާ ބޭނުންކުރާ ވަރަށް މުހިންމު ތަންތަން ކަމަށެވެ. މިފަދަ ތަންތަނަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ގެއްލުންތަކުން ރަށްތަށް ރައްކާތެރިކޮށް، ދިރޭތަކެތި ދެމެހެއްޓެނިވި ގޮތެއްގައި އާލާވެ، އަދި ފަތުރުވެރިކަމާއި މަސްވެރިކަމަށް އެތައް ފައިދާތަކެއް ކުރާ ތަންތަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ، ބްލޫ ކާރބަން ދާއިރާގައި ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުކުރުމާއި، ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ޙައްލުހޯދުން ފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައިވަނީ، މި ކުރާ މަސައްކަތްތައް ކާމިޔާބު ކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބައިވަންތަކަން އިންތިހާއަށް ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. މި ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ކާބަން މިންކުރުމުގެ މިންގަނޑުތައް އެއްގޮތް ކުރުމަށާއި އަދި ރަށްރަށުގެ މުޖުތަމަޢުތައް ބާރުވެރި ކުރުވުމަށް ސަރަޙައްދީ ފެންވަރުގައި އެއްބާރުލުން އިތުރު ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލެއްވިއެވެ. އަދި ބްލޫ ކާބަން ނިޒާމުތަކަކީ، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، ކުރިއެރުމާއި އަދި ރައްޔިތުންގެ ފާގަތިކަމަށް އޮތް މުހިންމު މަގެއްކަންވެސް މިނިސްޓަރ ޢަލީ ޝަރީފް ފާހަގަކުރެއްވިއެވެ.